ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިޤްތިޞާދު މުޅިންހެން ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައި އޮތުމަކީ ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި، އެކަމުގެ ނަތީޖާ މުސްތަޤުބަލުގައި ވަރަށް ހިތްދަތިވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
ރާއްޖެއިން ބޭރުގެ ބުކިންގ ޕްލެޓްފޯމްތަކާއި ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަށް ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ގެރިއެއްގެ ކިރު ފެލާހެން، އެ ސިނާއަތް ހުސްވެ ހަފުސްވަންދެން ކިރު ފެލާ ސިނާއަތަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ކިރު ހުސްވުމުން ދެން އަންނާނީ ލޭ ކަމަށް ސިފަކުރައްވަމުން، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކޮށް ލާމަރުކަޒީ ކުރުމުގައިވެސް ފާއިތުވި ސަރުކާރުތައް ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ތަޢާރަފުވުމުގެ ކުރިންވެސް ދިވެހިރާއްޖެ ދެމިއޮތީ މަސްވެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، މިއަދު މަސްދޯނިފަހަރުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އައްބާސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މަސްވެރިންނާއި ދަނޑުވެރިންނަށް ސަރުކާރުތަކުން ދައްކަނީ ހުސް ދަޅަ ކަމަށާއި، މިއަދު ކަނޑުމަހާއި ބޮޑުކަންނެލީގެ އޮޑިފަހަރުގެ ފަޅުވެރިންގެ 95 އިންސައްތައަކީ ބިދޭސީންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރު ފައިސާ ބޭރުވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އައްބާސް ވިދާޅުވީ، އިޤްތިޞާދު ރަނގަޅު ކުރެވޭނީ ޒުވާން ޖީލު މަސައްކަތުގެ މާހައުލަށް، ހާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުމެގެން ކަމަށެވެ. އިމާރާތްކުރުމާއި ވަޑާމުގެ މަސައްކަތްތަކުގައިވެސް މުޅިންހެން ބިދޭސީންނަށް ބަރޯސާވާންޖެހިފައިވާކަން ފާހަގަކުރައްވައި، ހަމައެކަނި ފަތުރުވެރިކަމުން ފެލައިގެން އުޅުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...