ދިވެހިރާއްޖޭގެ ރަށްރަށުގައި ހިންގަމުން އަންނަ ކައުންސިލް އިދާރާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިމާރާތްތަކުގެ ބާވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ގޮތުން، ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 100 ރަށެއްގައި ޒަމާނީ އައު ކައުންސިލް އިމާރާތްތައް ބިނާކޮށް ނިންމަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިއާއެކު، ރަށްރަށުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ކައުންސިލްތަކުގެ މަސައްކަތްތަކަށް އިންޤިލާބީ ހެޔޮ ބަދަލެއް އަންނާނެއެވެ.
ރައީސް އޮފީހުން ތައްޔާރުކޮށް ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް” ގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގިނަ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި، ބައެއް އިމާރާތްތަކަކީ އިންސާނުން ބޭނުންކުރަން އެކަށީގެންނުވާ ވަރަށް ހަލާކުވެ ބޮލަށް ވެއްޓޭ ހާލަތުގައި ހުރި ތަންތަންކަން ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނީ މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދެވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރުވެސް 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވާއިރު، އަމާޒަކީ އަންނަ އަހަރުގެ މެދުތެރެއަށް މި 55 އިމާރާތް އެއްކޮށް ނިންމާލުންކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގައި ކައުންސިލް އޮފީސް އެޅުމަށް ހަމަޖެހިފައިވާކަމަށާއި، އެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަލަށް ފަރުމާކޮށްފައިވާ މި ކައުންސިލް އިމާރާތްތަކަކީ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެހެން ފުޅާ ދާއިރާއެއްގައި ޚިދުމަތްދެވޭ ގޮތަށް ހަދާ ތަންތަނެވެ. އެގޮތުން ކޮންމެ އޮފީހެއްގައިމެ 40 މުވައްޒަފުންގެ ޖާގަ ހިމެނޭނެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ޚާއްސަ އޮފީސް ޖާގައަކާއި، ރައްޔިތުންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ހޯލެއްގެ އިތުރުން، ރަށުގައި ތިބެގެން ޕާސްޕޯޓާއި އައިޑީ ކާޑު ފަސޭހައިން ހެއްދޭނެ އިންތިޒާމުތައް މި އިމާރާތްތަކުގައި ހަމަޖެހިގެންދާނެއެވެ. މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކޮށް، ރަށްރަށުން ލިބެން ހުންނަ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...