އެމެރިކާއިން ހޮރުމުޒު ކަނޑުއޮޅީގެ “ފުރިހަމަ ކޮންޓްރޯލް” ނަގާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ބުނުން އީރާނުން ދޮގުކޮށްފިއެވެ. އީރާނުން ބުނެފައިވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އެއްބަސްވެ، އެމެރިކާގެ އަމަލުތައް އިސްލާހު ނުކުރަނީސް ހޮރުމުޒު ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުހްސިން ރެޒާއީ، ތެހެރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރާ ބައްދަލުކުރައްވައި ވިދާޅުވީ، އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށް، ދީފައިވާ ގެއްލުންތަކުގެ ބަދަލު ނުދެނީސް ސުލްހައިގެ އެއްބަސްވުމަކަށް ނާދެވޭނެ ކަމަށެވެ. އަދި ޣައްޒާ އާއި ލެބަނަން ހިމެނޭ ގޮތަށް މުޅި ސަރަހައްދުގައި ހަމަލާތައް ހުއްޓާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިއަށްދާ ނޭވަލް ބްލޮކޭޑް ނައްތާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ޓްރަމްޕް ޖޮއިންޓް ބޭސް އެންޑްރޫސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ހޮރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮތް ކަމަށް ބުނި ނަމަވެސް، ކަނޑުމަތީގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން ބުނެފައިވަނީ އެ ސަރަހައްދުގައި އުޅަންދޫތަކަށް ހަމަލާދިނުމާއި ފުރައްސާރަކުރުން އަދިވެސް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ގަލްފް އޮފް އޯމާންގައި އެމެރިކާގެ ހަތިޔާރުއެޅި ހެލިކޮޕްޓަރަކުން ވަނީ ޕަނާމާގެ ދެކޮޅުދިގު އުޅަނދަކަށް ހެލްފަޔަރ މިސައިލް ހަމަލާތަކެއް ދީ، އެ އުޅަނދުގެ މިސްރާބު ބަދަލުކުރާ ބައި ހަލާކުކޮށްލާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އެ އުޅަނދަށް ހަމަލާދިނީ އީރާނުގެ ބަނދަރުތަކަށް ތަކެތި އެތެރެކުރުން މަނާކޮށްފައިވާ އުސޫލާ ހިލާފަށް އީރާނާ ދިމާލަށް ދަތުރުކުރުމުންނެވެ.
މައިގަނޑު ކަނޑުއޮޅީގެ އިތުރުން ރެޑް ސީގެ ކައިރީގައިވާ ބާބުލް މަންދަބް ކަނޑުއޮޅީގައިވެސް ނުރައްކާތެރި ހަމަލާއެއް ވަނީ ހިންގާފައެވެ. ޔަމަނުގެ ހޫތީން ދިން ހަމަލާއެއްގައި ސައޫދީ އުޅަނދެއްގައި ތިބި އޭޖިޕްޓްގެ ހަތަރު ފަޅުވެރިންނާއި އެމީހުން ސަލާމަތްކުރަން އުޅުނު ޔަމަނުގެ ދެ ރެސްކިއުއަރުން ހިމެނޭހެން ޖުމްލަ ހަ މީހުން ވަނީ މަރުވެފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތައް ސީދާކޮށް ކުރިއަށް ނުދިޔަ ނަމަވެސް، އޯމާން މެދުވެރިކޮށް ހޮރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފައެވެ. އަދި ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހްސިން ނަގްވީ ވަނީ ދެފަރާތުގެ މެދުގައި ވެވިފައިވާ ވަގުތީ އެއްބަސްވުން ދެމެހެއްޓުމަށްޓަކައި ތެހެރާނަށް ޒިޔާރަތްކުރައްވާފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ހޮރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...