ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ހާއްސަ އިންޖެކްޝަނެއްގެ ނަކަލެއް އަމިއްލަ ފަރާތަކުން ރާއްޖެ އެތެރެކޮށްފައިވާތީ، އެ ބޭސް އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ހާއްސަ އެލާޓެއްގައި ބުނެފައިވަނީ ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާފައިވާ “ނިވޮލުމަބް” އިންޖެކްޝަންގެ 8081399 ބެޗު ނަންބަރުގެ ބޭސް ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި، ވިއްކުމުގެ އިތުރުން ބޭނުންކުރުމަކީވެސް މަނާކަމެއްގެ ގޮތުގައި އެ އޮތޯރިޓީން ވަނީ ކަނޑައަޅައިފައެވެ.
މި ކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި އެ އިންޖެކްޝަން ރާއްޖެ އެތެރެކޮށްފައިވަނީ އަމިއްލަ ފަރުދެކެވެ. އަދި މި ވަގުތު ރާއްޖޭގެ އެއްވެސް ފާމަސީއަކުން އެ އިންޖެކްޝަން ލިބެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅަކީ ކެންސަރު ބައްޔަށް ދޭ އިތުރު ބޭހެއް ކަމަށްވާ “ޑާޒަލެކްސް” ގެ ފޭކް ބެޗްތަކެއްވެސް ރާއްޖެއިން ފެނިގެން، އެ ކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެކެވެ.
ރާއްޖެއާއި މެކްސިކޯއިން ފެނުނު އެ ފޭކް ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާ ދިނުމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު އެލާޓްގައި ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބައެއް ހޮސްޕިޓަލްތަކަށް އެ ފޭކް ބޭސް ލިބިފައިވާތީއެވެ. އަދި މީގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ބޭސް ފޯރުކޮށްދޭ ނިޒާމުގެ ރައްކާތެރިކަމާމެދު ސުވާލުު އުފެދޭ ކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
“ޑާޒަލެކްސް” އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ “މަލްޓިޕަލް މައިލޯމާ” އާއި ލޭގެ ބައްޔެއް ކަމަށްވާ “އެމިލޮއިޑޯސިސް” އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...