ސްކޭމްތަކުގައި އޮންލައިން ވިޔަފާރިތަކުން މަކަރާއި ހީލަތުން އާންމުންގެ 35 މިލިއަން ރުފިޔާ ގެއްލިއްޖެ: ފުލުހުން

އޮންލައިންކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް މުޖުތަމައުގައި އިތުރުވަމުންދާއިރު، އެންޓި ސްކޭމް ސެންޓަރު ގާއިމުކުރި ފަހުން މިހާތަނަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ އަދަދު 3،000 އަށް އަރައި، އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ އަހަރުގެ މާރިޗު މަހުގެ 17 ގައި އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން ރިކޯޑުކުރެވުނު ޖުމްލަ 35.1 މިލިއަން ރުފިޔާގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ވަނީ 13.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިދީފައެވެ. އެގޮތުން 1،196 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދައިދެވިފައިވާއިރު، 279 މައްސަލައެއްގައި ފައިސާގެ ބައެއް ވަނީ ހޯދިފައެވެ.
ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާފައިވާ 1،478 ސްކޭމް މައްސަލައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި 540 މައްސަލައެއް އަދި އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން 439 މައްސަލައެއް ހިންގާފައިވާއިރު، މިފަދަ އަމަލުތައް އެންމެ ގިނައިން ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް އާއި ވައިބާ މެދުވެރިކޮށެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި ލިބޭ މެސެޖުތަކަށް ސަމާލުވެ، އެއްވެސް މާލީ މުއާމަލާތެއް ކުރުމުގެ ކުރިން މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޯޓީޕީ އާއި ޕާސްވޯޑު ފަދަ އަމިއްލަ ބޭންކިން މަޢުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށާއި، ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން އިރުޝާދު ދެއެވެ.

