އީރާނުން ހޯރްމުޒް ކަނޑުއޮޅި ހުޅުވާލަން އެމެރިކާއަށް ވަރުގަދަ ޝަރުތުތަކެއް ކުރިމަތިކޮށްފި

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ކުރިން އެމެރިކާއިން ފުރިހަމަކުރަންޖެހޭ ގިނަ ޝަރުތުތަކެއް އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލަކު ހުށަހަޅުއްވައިފިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދަރު ނެރުއްވި ބަޔާނެއްގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވަނީ ގޮވާލައްވާފައެވެ.
ޒުލްގަދަރުގެ ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ވަށައިގެންވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމާއި، ހަނގުރާމައިގެ ބަދަލު ދިނުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، ސަރަހައްދީ ގޮތުން އީރާނާ ގުޅުން އޮންނަ ގައުމުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ވެސް އޭނާ ވަނީ ޑިމާންޑް ކުރައްވާފައެވެ.
މި ޝަރުތުތަކަކީ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކާ ވަކިން ހުށަހެޅި ކަންތައްތަކެއް ކަމަށް އީރާނުން ބުނެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތްވެފައިވީ ނަމަވެސް، ކަނޑުއޮޅި ހުޅުވާލުން ބިނާވެފައިވަނީ އެމެރިކާއިން ޖޫން މަހުގެ ސުލްހައިގެ އެއްބަސްވުމާ ޚިލާފުވުމުން ދޭންޖެހޭ ބަދަލުތަކުގެ މައްޗަށެވެ. އަދި އެމެރިކާއިން މަސައްކަތް ކުރީ ހޯރްމުޒް ކަނޑުއޮޅިން އާ މަގުތަކެއް އުފައްދައި، އީރާނުގެ ބާރު ކަނޑުވާލަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވިނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނާއި އޮމާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާގެ ދައުރެއް އެބައޮތް ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތަކީ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޯރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، ކެޕްލާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު އެ ސަރަހައްދުން ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 12 އަށް ދަށްވެފައެވެ.
މި ހާލަތުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕަށް ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ނޮވެމްބަރު މަހު އޮންނަ މިޑްޓާމް އިންތިޚާބާ ދިމާކޮށް، ތެލުގެ އަގު ހެޔޮކުރުމަށްޓަކައި އީރާނުގެ ޝަރުތުތަކާ މެދު ގޮތެއް ނިންމަން އެމެރިކާއަށް މަޖުބޫރުވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

