ކްރޫޒްލައިނަރުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު %89 އަށް އިތުރުވެއްޖެ

އަހަރުގެ މިހާތަނަށް ކްރޫޒްލައިނަރތަކުން ރާއްޖެއަށް ފަނަރަހާސް ފަތުރުވެރިން އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %89 ގެ ބޮޑު އިތުރުވުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 15،577 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނަރުތަކުގައި ރާއްޖެއަށް އައިސްފައިވަނީ 8،263 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅިއެކު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. ނަމަވެސް، ކްރޫޒްލައިނަރުތަކުގައި އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ކްރޫޒްލައިނަރުތަކުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެ މަހު 5،237 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި މާރޗް މަހު 4،049 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އޭޕްރިލް މަހު ކްރޫޒްލައިނަރުތަކުން 3،457 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
މިގޮތަށް ކްރޫޒްލައިނަރުތަކުގައި އަންނަ ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ފްރާންސްގެ ފަތުރުވެރިންނެވެ. ފްރާންސުން ރާއްޖެއަށް ޒިޔާރަތްކުރި 31،508 ފަތުރުވެރިންގެ ތެރެއިން %5.4 މީހުން އައިސްފައިވަނީ ކްރޫޒްލައިނަރުތަކުގައެވެ.
އަހަރުގެ މިހާތަނަށް މުޅިޖުމްލަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 213،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

