އަލިފް އަލިފް އުކުޅަހުގެ ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން، އެ ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ މިއަދު އުކުޅަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަޅައިފިއެވެ.
މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާފައިވާއިރު، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފްގެ އިތުރުން އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދުއެވެ.
އުކުޅަހުގެ އިތުރުން އއ. ރަސްދޫގައިވެސް ސްޕޯޓްސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ބިނާކުރާ ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތުކުރުމަށް ޚާއްޞަ ކޮޓަރިއަކާއި، ބޯޑް ގޭމް ކުޅޭނެ ޖާގައިގެ އިތުރުން އެކި ކުޅިވަރުތައް ކުޅެވޭނެ ހޯލަކާއި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިން، އަރބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށާއި އެހެނިހެން ބައެއް ރަށްރަށުގައިވެސް އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...