އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
އެ އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އަޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ. މަޤާމަށް އެދިހުށަހަޅާ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް އެ އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 35 އަހަރުވެފައިވުމާއެކު ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއި، މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިނުވާ މީހަކު ކަމުގައިވާންޖެހެއެވެ.
އޭގެއިތުރުން، ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިވެސް ވެގެންނުވާނެއެވެ. އަދި ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި އެ ވަޒީފާތަކުގެ މުއްދަތާއި މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.



