ޚަބަރު

މައިންނާއި ޅަދަރިންގެ ސިއްޙީ ރައްކާތެރިކަމަށް ވޭތުވެދިޔަ ދެ އަހަރު މުހިންމު ކުރިއެރުންތަކެއް ލިބިއްޖެ: މެޑަމް ސާޖިދާ

މައިންނާއި ޅަދަރިންގެ ޞިއްޙީ ރައްކާތެރިކަމަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާއާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މައިވަންތަކަމުގެ ލޯބީގެ އެންމެ ފުރިހަމަ މިސާލު ފެނިގެންދަނީ މައިން ދަރިންނަށްޓަކައި ވާ ޤުރުބާނީއާއި ހޭދަކުރާ ވަގުތުން ކަން ފާހަގަކުރައްވަމުން، ގާތުން ކިރުދިނުމަކީ ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، މުޅި އުމުރަށް ދެމިގެންދާ ދުޅަހެޔޮ ގުޅުމެއްގެ ބިންގާ އަޅައިދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެގޮތުން ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ގާތުން ކިރުދިނުމަށް ދެވޭ ނާސިންގް ބްރޭކްގެ މުއްދަތު ދެ އަހަރަށް އިތުރުކޮށްދިނުމާއި، މުސާރަ ލިބޭ ގޮތަށް ދެވޭ ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ރައްކާތެރިކޮށްދިނުމަކީ މައިންގެ ސިއްޙީ ކަންކަން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިއަހަރުގެ މާރިޗު މަހު ގެނެވުނު އިސްލާހުގެ ދަށުން، މެޓާނިޓީ ލީވް ނިންމައި އެނބުރި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ދަރިފުޅު ބެލެހެއްޓުމަށްޓަކައި ދުވާލަކު ދެފަހަރު، މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓުގެ ވަގުތުކޮޅެއް ދޭންޖެހޭ މުއްދަތު ކުރިން އޮތް އެއް އަހަރުގެ ބަދަލުގައި މިހާރު ވަނީ ދެ އަހަރަށް އިތުރުކޮށްފައެވެ.

ދަރިފުޅުގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ އިނާޔަތްތަކާއި ޙައްޤުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް އިލްތިމާސްކުރައްވަމުން، މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ ބޮޑު ޒިންމާއެއް ކަމަށް ސާޖިދާ މުޙައްމަދު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި ފާހަގަކުރާ ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާގެ މިއަހަރުގެ ޝިއާރަކީ “ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން” ކަމަށްވާއިރު، އެކަމަނާ ވަނީ މިއަހަރުގެ ޝިއާރާ އެއްގޮތަށް އަމަލުކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close