ޚަބަރު

އޭބީއޭ ގެ އެންމެ އިސް މަގާމަށް ބީއެމްއެލް ގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކުރައްވައިފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް އައްޔަންކުރައްވައިފިއެވެ.

މިއީ އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެންމެ ބޮޑު އެސޯސިއޭޝަންގެ އެންމެ އިސް މަގާމާ ދިވެހި ބޭންކަރަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އޭބީއޭގެ ބޯޑުގެ ނިންމުމާ އެއްގޮތަށް ޝަރީފް މިއަދު އެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބީއެމްއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރެއްވި ޝަރީފް ވަނީ ސަރަހައްދީ ބޭންކުތަކުގެ ގުޅުން ބަދަހިކުރުމަށާއި ABAގެ ސްޓްރެޓީޖިކް އަމާޒުތަކަށް ދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެ މަސައްކަތްތަކަށް ބަލައި، 2025 ވަނަ އަހަރު އަލުން އޭނާ ވަނީ ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައެވެ.

އޭބީއޭގެ ޗެއާމަންކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަރީފް ވިދާޅުވީ، މިއީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އަމާޒަކީ ސަރަހައްދުގެ ބޭންކުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް ބޯޑާއި ސެކްރެޓޭރިއަޓާ ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

އޭބީއޭގެ ސެކްރެޓަރީ ޓްރެޝަރާ ޑރ. ޑާސަން ޗިއު ވަނީ ޝަރީފްގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި، އެސޯސިއޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ 45 އަހަރު ކުރިން އުފެއްދި އޭބީއޭއަކީ ބޭންކިން ދާއިރާގެ އިސްވެރިންނާއި، ރެގިއުލޭޓަރުން އަދި މާލީ މުއައްސަސާތަކާ ގުޅިގެން ސިޔާސަތުތައް އެކުލަވާލައި، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމުގައި ހަރަކާތްތެރިވާ މުހިންމު ޖަމިއްޔާއެކެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މި މަގާމަށް ދިވެއްސަކު އައްޔަންވުމަކީ ރާއްޖެއަށާއި ބޭންކަށްވެސް ލިބުނު ބޮޑު ފަޚުރެކެވެ. މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު 1 އިން 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޭބީއޭގެ މިއަހަރުގެ އަހަރީ ކޮންފަރެންސް އިންތިޒާމުކޮށް ބާއްވާނީވެސް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close