ބީއެމްއެލްއަށް ބޮޑު ކުރިއެރުމެއް: މިއަހަރުގެ ފުރަތަމަ ހަ މަހު 1.3 ބިލިއަންގެ ފައިދާއެއް ލިބިއްޖެ

މާލީ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތަކާ އެކުވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ހޯދައި، ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެއިތުރުން، މިއަހަރުގެ ފުރަތަމަ އަރުމަހުގެ ތެރޭގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި މުއްދަތުގެ ތެރޭގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންޓްރެސްޓުން ލިބުނު 1.6 ބިލިއަން ރުފިޔާއެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 830 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބޭންކުގެ އާމްދަނީއާ އަޅާބަލާއިރު ހިންގުމުގެ ހަރަދު ހުރީ 28 ޕަސެންޓުގައެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި މިފަދަ އެދެވޭ ނަތީޖާއެއް ހާސިލުކުރެވުނީ ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި، ހިންގުން ހަރުދަނާކުރުމަށް ދެވުނު އިސްކަމުގެ ސަބަބުންނެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް ބޮޑުވެފައެވެ.
މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ބޭންކުން ދެކެއެވެ. އެގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބީއެމްއެލްއިން ވަނީ އަލަށް އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

