ޚަބަރު ފެނަކައިގެ ބޮޑެތި އޮޅުވާލުންތަކެއް ބަލައި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި

ފެނަކައިގެ ބޮޑެތި އޮޅުވާލުންތަކެއް ބަލައި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި

ފެނަކައިގެ ބޮޑެތި އޮޅުވާލުންތަކެއް ބަލައި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފެނަކަ ކޯޕަރޭޝަނުން ގަވާއިދާ ހިލާފަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފިއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތުގެ ތަފްސީލުތައް ކޮންމެ މަހަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރުމަށްވެސް އޭސީސީ އަށް އެންގުމަށް ވެސް އެކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުން ހާމަވި ގޮތުގައި، 2021 އިން 2023 އަށް އިންޓަވިއުއަކާ ނުލައި ދާއިމީ ވަޒީފާތަކަށް މީހުން ނަގާފައިވާއިރު، 1،300 މުވައްޒަފަކަށް ވަނީ ޕްރޮމޯޝަން ދީފައެވެ. އަދި ބައެއް މުވައްޒަފުންނަށް އަހަރަކު އެއް ފަހަރަށްވުރެ ގިނައިންވެސް ކުރިއެރުން ދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.

އިންހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ 229،000 ރުފިޔާ އަނބުރާ ހޯދުމަށް އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި، އެ ފައިސާ ލިބެމުންދާ މިންވަރު މާލިއްޔަތު ކޮމިޓީއަށް އަންގަމުން ދިއުމަށްވެސް ވަނީ އޭސީސީއަސް އަންގައިފައެވެ.

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތުގެ މައުލޫމާތާއި، އޭސީސީން ބަލަމުންދާ މައްސަލަތަކުގެ އަޕްޑޭޓް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް ކޮމިޓީން ވަނީ އެދިފައެވެ.

މީގެއިތުރުން، އާންމުކޮށް އިއުލާނު ނުކޮށް ވަޒީފާ ދެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، އިއުލާނުކޮށްގެން މުވައްޒަފުން ނަގާ ގޮތަށް ގަވާއިދުތަކާއި އެސްއޯޕީތައް އެކުލަވާލުމަށް ފެނަކައަށް ވަނީ އަންގައިފައެވެ. އަދި ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ހާމަނައިޒް ކުރެވިފައިވާ ކްލެސިފިކޭޝަންތައް ހަ މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށްވެސް ރެކޮމެންޑްކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2020 ވަނަ އަހަރު 3،500 ގައި ހުރި މުވައްޒަފުންގެ އަދަދު 2023 އާ ހަމައަށް އައިއިރު ވަނީ 7،000 އަށް އިތުރުވެފައެވެ. މި ދަނޑިވަޅުގައި، ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ، ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ސިއްހީ ސަބަބުތަކަށްޓަކައި ގޭބަންދުގައެވެ.


ޓެގް

މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.