މުއްދަތު ހަމަވެގެން ބޭސް އުކާލަންޖެހޭ މިންވަރު ކުޑަކުރެވޭނީ ފޯކާސްޓިންގ ނިޒާމު ހަރުދަނާކޮށްގެން: ޑރ. ޝާހު

ރާއްޖޭގައި މުއްދަތު ހަމަވެގެން ބޭސް އުކާލަންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަންނަ “ފޯކާސްޓިންގ” ނިޒާމު ހަރުދަނާކުރުން މުހިންމު ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، އެކަށީގެންވާ ވަގުތު އޮއްވައި ބޭސް އޯޑަރު ކުރެވިއްޖެނަމަ އެކެއް ނުވަތަ ދެ އަހަރުގެ ދިގު މުއްދަތެއް އޮތް ބޭސްތައް އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ސިއްހީ ޚިދުމަތްތެރިންނާ ގުޅިގެން މި ނިޒާމު ރޭވިއްޖެނަމަ، އަސާސީ ބޭސްތައް ހުސްނުވެ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މިހާރު ރާއްޖޭގައި މުއްދަތު ހަމަވުމުގެ ސަބަބުން ދިހަ އިންސައްތައާއި ވިހި އިންސައްތައާ ދެމެދުގެ އަދަދަކަށް ބޭސް އުކާލަންޖެހޭކަން ފާހަގަކުރައްވަމުން، އެއީ ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ޖުމްލަ ބަޖެޓުގެ ތިރީސް އިންސައްތަ ހޭދަކުރެވެނީ ބޭސް ގަތުމަށް ކަމަށާއި، މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބަލާއިރު އިންތިހާއަށް ބޮޑު ހޭދައެއް ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެހެންކަމުން ބޭސް އެތެރެކުރުމަށް ސަރުކާރުން ޚާއްޞަ ކުންފުންޏެއް އުފެއްދެވީ ބޭހުގެ އަގުތައް ކޮންޓްރޯލްކޮށް، އާސަންދަ ނިޒާމަށް ކުރިމަތިވެފައިވާ މާލީ ބުރަ ލުއިކުރުމުގެ މަގުސަދުގައެވެ.
މީގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި 193 ފާމަސީއެއް މިހާރު ވަނީ ސްޓޭޓް ފާމާގެ ބެލުމުގެ ދަށަށް ބަދަލުކުރެވި، ބޭސް އެތެރެކުރުމުގެ އަމަލީ މަސައްކަތްތައް ފެށިފައެވެ.

