ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އެމްއާރުސީސީގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ވިލިމާލޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތާއި، ތަނުގައި ޤާއިމުކޮށްފައިވާ ޒަމާނީ ވަސީލަތްތައް ބައްލަވާލައްވާފައެވެ.
މި އިމާރާތުގެ ބިންގާ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 24 ގައިެ އެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ މަސައްކަތް އޮތީ ދިގު މުއްދަތަކަށް ހުއްޓިފައެވެ. ނަމަވެސް، މިއީ ރައްޔިތުންގެ ސަލާމަތާ ސީދާ ގުޅުންހުރި މުހިންމު މަޝްރޫޢަކަށްވާތީ، ރައީސް މުޢިއްޒު ވަނީ މަސައްކަތް އަވަސްކުރުމަށް އިރުޝާދު ދެއްވައި، ޖަޕާނު ސަރުކާރުގެ ފަންޑުގެ އިތުރުން ބޭނުންވި އިތުރު ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖައްސަވައިދެއްވާފައެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ބިނާކުރި އިމާރާތުގައި އޮޕަރޭޝަންސް ރޫމަކާއި، ކުލާސްރޫމްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ހިމެނެއެވެ. މީގެ އިތުރުން، މި މަރުކަޒަށް ބޭނުންވާ ބައެއް މުހިންމު ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދީފައިވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ.
މި ރަސްމިއްޔާތުގައި ޖަޕާނާއި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ އިތުރުން، ޔުނައިޓެޑް ނޭޝަންސްގެ ރެސިޑެންޓް ކޯޑިނޭޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއާރުސީސީއަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގޭ ހުރިހާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ކަނޑާއި ވައިގެ މަގުން ރާއްޖެ ބެލެހެއްޓުމުގެ މައިގަނޑު އޮޕަރޭޝަން ސެންޓަރެވެ.

