ޚަބަރު

ގައުމީ ހިދުމަތުގައި ފާހަގަކޮށްލެވޭ 4 ބޭފުޅަކަށް “ނިޝާން އިއްޒުއްދީނުގެ އިއްޒަތް” އަރުވައިފި

މިއަދު ބޭއްވި ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ގައުމަށް އެކި ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ “ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން” (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

މި މަތިވެރި ޝަރަފު އަރުވާފައިވާ ހަތަރު ބޭފުޅުންނަކީ ތައުލީމީ އަދި ހާރިޖީ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ލަޠީފާއި، އިސްލާމީ ތައުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދުގެ އިސް ބާނީން ކަމަށްވާ ޗަމްޕާ ޙުސައިން ޢަފީފާއި ޗަމްޕާ މުޙައްމަދު މޫސާއެވެ.

މީގެ ތެރެއިން ޑރ. މުޙައްމަދު ލަޠީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ އިތުރުން އދ. ގައި ރާއްޖޭގެ ދާއިމީ މަންދޫބުކަމާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައެވެ.

ދީނީ ދާއިރާއިން ފާހަގަކޮށްލެވޭ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައި، މައުހަދާއި ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ރައީސްކަން ފުރުއްވާފައިވާ ބޭފުޅެކެވެ. އެބޭފުޅާ ވަނީ ދީނީ ރޮނގުން 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ގިނަ އަދަދެއްގެ ޕްރޮގްރާމްތަކާއި ލިޔުންތައް އާންމުންނަށް ފޯރުކޮށްދެއްވާފައެވެ.

ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން މި ޝަރަފު ހާސިލުކުރެއްވި ޙުސައިން ޢަފީފާއި މުޙައްމަދު މޫސާއަކީ ރާއްޖޭގެ އިގުތިސާދީ ތަރައްގީގައި ބޮޑު ހިއްސާއެއް ވަނީ އަދާކުރައްވާފައެވެ. ރިޒޯޓްތަކުގެ އިތުރުން އެވިއޭޝަން، ބޭންކިންގ އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ފަދަ މުހިންމު ވަސީލަތްތައް ގާއިމުކުރުމުގައިވެސް މި ދެ ބޭފުޅުންގެ ދައުރު ބޮޑެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close