ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވާ ފުލުހުންގެ އިސްވެރިޔަކު އިސްރާއީލުން އަވަހާރަކޮށްލައިފި

ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވާ ފުލުހުންގެ އިސްވެރިޔަކު އިސްރާއީލުން އަވަހާރަކޮށްލައިފި ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.
އިސްރާއީލުން ހޮނިހިރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި، ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވާ ފުލުހުންގެ ފައުޖުގެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަބްދުލްނާސިރު އަލް މަޤަދުމާ އަވަހާރަކޮށްލާފައިވާ ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއާއި ސިއްޙީ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ. އިސްރާއީލުގެ ހަމަލާތަކުގައި ހޮނިހިރު ދުވަހު ޝަހީދުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ މަޤަދުމާ އަކީ ޣައްޒާގެ އުތުރު ސަރަހައްދުގެ ގަވަރުނަރުގެ ގޮތުގައިވެސް މަޝްހޫރު ބޭފުޅެކެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ ޣައްޒާ ސިޓީގެ އުތުރުން އޮންނަ ޝައިޚް ރަޟްވާން ސަރަހައްދުގައެވެ. އިސްރާއީލު ސިފައިން ބުނާ ގޮތުގައި އޭނާއަކީ ހަމާސްގެ އަސްކަރީ ގަފިލާގެ މެންބަރެކެވެ. ވޭތުވެދިޔަ މަސްތަކުގައި އިސްރާއީލުން ވަނީ ފުލުހުންގެ އިސް ގިނަ ބޭފުޅުންތަކެއް އަވަހާރަކޮށްލާފައެވެ. ހަމާސްއިން ތުހުމަތުކުރާ ގޮތުގައި، ފުލުހުންނަށާއި ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކުގެ މަގުސަދަކީ ޣައްޒާގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި، އެމެރިކާގެ މެދުވެރިވުމާއެކު އޮކްޓޯބަރު މަހު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމެވެ.
ހޮނިހިރު ދުވަހު އިސްރާއީލުން ދިން އިތުރު ހަމަލާއެއްގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރާތު ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ސިއްޙީ އެހީތެރިއަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގައި ދިން ހަމަލާއެއްގައި ޒަޚަމްވި ފުލުހަކުވެސް ހޮނިހިރު ދުވަހު ވަނީ ނިޔާވެފައެވެ. އަދި ޚާން ޔޫނިސްގެ ގެއަކަށް ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާއިރު، އިސްރާއީލުން ބުނަނީ އެއީ އިސްލާމިކް ޖިހާދު ގްރޫޕުގެ މެންބަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ޚާން ޔޫނިސްއަށް ދިން އެހެން ހަމަލާއެއްގައި، ސާނަވީ ތައުލީމު ނިންމި ދަރިވަރެއް ކަމަށްވާ ޚާލިދު އަލް ބްރައިމް ވަނީ ޝަހީދުވެފައެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި ޚާލިދު ޝަހީދުވީ، ސާނަވީ އިމްތިހާނުން ފާސްވެ ޔުނިވަރސިޓީއަށް ވަނުމަށް ތައްޔާރުވަމުންދާތީ، އާއިލާއާއި ރަހުމަތްތެރިންނަށް މަރުހަބާ ކިޔުމަށްޓަކައި މީރުބޯކިރުވައި ބެހުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، އޮކްޓޯބަރު މަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,180 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.
މިސްރު، ޤަޠަރު، ތުރުކީ އަދި އެމެރިކާ މެދުވެރިވެގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ރޭވުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެކަމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މި ރޭވުމުގައި ހަމާސްގެ ހަތިޔާރު އުފުލުން ހުއްޓާލުމަށާއި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމަށް ގޮވާލާފައިވެއެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އޭގެ ފަހުން އިސްރާއީލުން މެދުނުކެނޑި ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. މިހާރު ޣައްޒާގެ ބޮޑު ބައެއް އޮތީ ސުންނާފަތިވެފައިވާ އިރު، ޣައްޒާގެ 2 މިލިއަން ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި، ވަގުތީ ފޭލިގެތަކުގައެވެ.



