ޚަބަރު

ވެރިންގެ އިޚްލާޞްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން މެނުވީ އެއްބައިވަންތަކަން ނުދެމެހެއްޓޭނެ: ޚުތުބާ

ޤައުމެއްގެ އެއްބައިވަންތަކަމާއި އިޖުތިމާޢީ ވަޙުދަތު ސަލާމަތުން ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ މުޖުތަމަޢުގެ ކަންކަމާ ޙަވާލުވެތިބި ވެރިންގެ ކިބައިގައި ކަމަށާއި، އެބޭފުޅުން އިޚްލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން މެނުވީ އެކަން ޙާޞިލުނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި މުޖުތަމަޢުގެ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ދީނީ އަދި ޤައުމީ ވާޖިބެކެވެ. އަދި އެކުވެރިކަމުގެ ބަދަހި ބުޅިތަކަށް ބުރޫއަރައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ހަނދާންކޮށްދެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގައި ކުރާ ކޮންމެ ޢަމަލަކަށް މާތް ﷲގެ ޙަޟްރަތުގައާއި މުޖުތަމަޢުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނެކަން ހަނދާންކޮށްދެއްވަމުން، ވަކިން ޚާއްޞަކޮށް ތަފާތު ފެންވަރުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެތިބި ފަރާތްތަކުން ޤިޔާމަތް ދުވަހުން އެ ކަންކަމާ މެދު ވަކިވަކިން ސުވާލުކުރެވޭނެކަން ޚުތުބާގައި ބަޔާންކުރެއްވިއެވެ. އެގޮތުން ވެވިފައިވާ ޢަހުދުތަކާއި ހުވާތަކަށް ހުރުމަތްތެރިކޮށް ހިތައި، ވަޒީފާގެ ޒިންމާތައް އަދާކުރި ގޮތާމެދު ސުވާލުކުރެވޭނެކަމާއި، އިހުމާލުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

އިސްލާމީ މުޖުތަމަޢެއްގެ އަމާންކަމާއި ތަރައްޤީގެ އަޞްލަކީ ޢަދުލުއިންސާފު ކަމަށާއި، ޢަދުލުއިންސާފުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން ކުށެއް ކޮށްފިނަމަ، ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބެންޖެހޭނެކަމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

އަދި ކޮންމެ މީހަކު އަދާކުރާ ވަޒީފާއަކީ އަމާނާތެއްކަމާއި، ތިމާގެ އަމިއްލަ އެދުމާއި ޒާތީ މަސްލަހަތަށްވުރެ މުޖުތަމަޢާއި އަނެކުންގެ މަސްލަޙަތަށް އިސްކަންދިނުމަކީ ފުރިހަމަ މުސްލިމުންގެ ސިފައެއްކަން ޚުތުބާގައި އަލިއަޅުވައިލެއްވިއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close