އިމްތިޙާންތަކުގެ ކަރުދާސް ލީކުކުރި މީހުންނަށް ހަރުކަށި އަދަބު ދޭނަން – މޯދީ

އިންޑިއާގައި އިމްތިޙާންތަކުގެ ކަރުދާސް ލީކުވުމާ ގުޅިގެން ކިޔަވާކުދިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވައުދުވެވަޑައިގެންފިއެވެ.
ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ބޮޑެތި މުޒާހަރާތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ސީދާ ގޮތެއްގައި ވާހަކަދައްކަވަމުން، ބޮޑުވަޒީރު މޯދީ ސޯޝަލް މީޑިއާގައި ވިދާޅުވީ، ޒުވާނުންގެ މުސްތަޤުބަލާއި ލާބައަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އިމްތިޙާން ކަރުދާސް ލީކުކުރުމުގެ މައްސަލަތައް އަވަސް ނިޔާގެ ކޯޓުތަކުން ބަލައި، ކުށްވެރިންނަށް އަދަބު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިމްތިޙާންތަކުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި، ބުދަ ދުވަހުގެ ރޭ ނިއުދިއްލީގެ މަގުތަކުގައި ކުރި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ ކަރުނަގޭހާއި މުގުރުގެ ބޭނުންކޮށްފައެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދަށް 10،000 އަށްވުރެ ގިނަ މީހުން އެއްވިއެވެ. މެއި މަހު ބޭއްވި އިމްތިޙާނެއްގެ ކަރުދާސް ލީކުވުމުގެ ސަބަބުން ގާތްގަނޑަކަށް 2 މިލިއަން ދަރިވަރުންނަށް އޭގެ އަސަރުކޮށްފައިވާއިރު، މިނިސްޓަރު އިސްތިއުފާ ދެއްވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް “ކޮކްރޯޗް” މޫވްމަންޓުގެ ލީޑަރުން ބުނެފައިވެއެވެ.
މިއީ 2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގަތް ފަހުން ޒުވާނުންގެ ފަރާތުން ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ޒުވާނުންގެ މި ޑިމާންޑްތަކަށް ތާއީދުކޮށް، މި ހަފުތާގައި ފެށި ޕާލަމެންޓުގެ މޫސުމީ ދައުރުގެ މަސައްކަތްތަކަށް ހުރަސް އަޅާފައެވެ.
މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދާ ފިއްތުންތަކާ ގުޅިގެން، މޯދީގެ ސަރުކާރުން ވަނީ މުޒާހަރާގެ ލީޑަރުންނާ އެކު މަޝްވަރާގެ އެއް ބުރު ބާއްވާފައެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާނެ ކަމުގެ ޔަގީންކަން ދީ، އިމްތިޙާން ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ކޮންގްރެސް ޕާޓީ އިސްވެ އޮވެ، އިދިކޮޅު އިއްތިހާދުން ވެސް ދަނީ މިނިސްޓަރުގެ އިސްތިއުފާއަށް ބާރުއަޅަމުންނެވެ. ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
މި މުޒާހަރާތަކުން ރަމްޒުކޮށްދެނީ އިންޑިއާގެ ޒުވާނުންގެ މެދުގައި އޮތް ވަޒީފާގެ ދަތިކަމާއި، އިމްތިޙާންތަކުގެ ސައްހަކަމާ މެދު އުފެދިފައިވާ ބޮޑު ކަންބޮޑުވުމެވެ. މިއީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ޕާލަމެންޓުގެ ފުރިހަމަ އަޣުލަބިއްޔަތު ގެއްލިފައިވާ މޯދީގެ ބީޖޭޕީ ސަރުކާރަށް ކުރިމަތިވެފައިވާ ސިޔާސީ ބޮޑު ގޮންޖެހުމެކެވެ.



