ޚަބަރު

ޤައުމީ ފެންވަރުގައި ޑިޖިޓަލް އަދި އޭއައި ލިޓަރޭސީ އިތުރުކުރުމުގެ ކެމްޕޭނެއް ފަށައިފި

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ދަތުރުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި “ޑިޖިޓަލް ފޯ އޯލް” ގެ ނަމުގައި ޚާއްޞަ ޤައުމީ ކެމްޕޭނެއް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕޭން އިފްތިތާޙު ކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިއްޙީ ވަޒީރު ޚަލީލްގެ އިތުރުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތަކަށް އެކްސެސް ލިބުމުގެ އިތުރުން، އެ ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، އިތުބާރު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމެވެ. ދާޚިލީ ވުޒާރާއާއި ތަޢުލީމީ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ފިއުޗަރ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރާއިރު، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެނީ މައިންޑްކޯއިންނެވެ.

ޖުމްލަ 3 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި ކޮންމެ އަހަރަކު 75،000 މީހުންނަށް ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު 3 އަހަރު ތެރޭގައި ޖުމްލަ 225،000 މީހުންނަށް އަމާޒުކުރެވޭނެއެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވިގެން ކުރިއަށްދާ މި ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ “ޓްރޭނިންގ އޮފް ޓްރޭނަރސް” ބައިތަކެވެ. އެއަށްފަހު، އާބާދީ ބޮޑެތި ރަށްތަކަށް އިސްކަންދީގެން 6 އަތޮޅެއްގައި ޕައިލެޓް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close