ސަރުކާރުގެ އައިނު ފިހާރަތަކަށް ބޮޑު ތަރުހީބެއް: 23،000 އަށްވުރެ ގިނަ އައިނު ރައްޔިތުންނަށް ދޫކޮށްފި

އާންމު ރައްޔިތުންނަށް މާލީ ބުރައެއް ނުުލިބި، ފަސޭހަކަމާއެކު ނަންބަރު އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ މަޝްރޫއުގެ ދަށުން، ސަރުކާރު ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް 23،000 އަށްވުރެ ގިނަ އައިނު ދޫކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، “އެމްސީޖީއެޗް އޮޕްޓިކަލްސް” މެދުވެރިކޮށް ޖުމްލަ 23,847 އައިނު ހެއްދުމަށް އޯޑަރު ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ވަނީ ތައްޔާރުކޮށް އާންމުންނާ ހަވާލުކުރެވިފައެވެ.
މި ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދެމުންދަނީ މާލޭގެ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެގޮތުން އައިޖީއެމްއެޗުން 13,595 އޯޑަރު ލިބި 12,507 އައިނު ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް ލިބުނު 8,934 އޯޑަރުގެ ތެރެއިން 8,247 އައިނު ވަނީ ދޫކޮށްފައެވެ. މީގެއިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ނިންމާފައިވާއިރު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހަވާލުކޮށްފައެވެ.
އައިނު ހެއްދުމުގެ ޚިދުމަތް އައިޖީއެމްއެޗްގައި 28 ޖުލައި 2025 ގައި ފެށިއިރު، ހުޅުމާލެ ހޮސްޕިޓަލުގައި ފަށާފައިވަނީ 27 އޮގަސްޓް 2025 ގައެވެ. ކުރިން އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހުނު މި ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ވަނީ 1,000 ރުފިޔާއިން 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި އައިކެއާގެ ގޮފިތައް ހިމެނޭހެން އަމިއްލަ 18 ތަނަކުން އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.


