ބަންގްލަދޭޝްގެ ޕާސްޕޯޓުގައި “އިޒްރޭލު ފިޔަވައި” މި އިބާރާތް އަލުން ހިމަނަނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުން ޕާސްޕޯޓުން އުނިކުރި “އިޒްރޭލު ފިޔަވައި” މި އިބާރާތް އަލުން ހިމަނައިގެން، އާ ޕާސްޕޯޓުތައް ޕްރިންޓްކުރަން މި މަހު ފަށާނެ ކަމަށާއި، އަންނަ އޮކްޓޯބަރު މަހުން ފެށިގެން އެ ޕާސްޕޯޓުތައް ދޫކުރަން ފެށޭނެ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހޯމަ ދުވަހު ބުނެފިއެވެ.
2021 ވަނަ އަހަރާ ހަމައަށް ބަންގްލަދޭޝްގެ ޕާސްޕޯޓުގައި “މި ޕާސްޕޯޓަކީ އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމަށް ސައްހަ އެއްޗެކެވެ” މިހެން ލިޔެފައި އޮވެއެވެ. ނަމަވެސް، އެ އަހަރު އަލަށް ތައާރަފުކުރި ޕާސްޕޯޓުތަކުން އާންމުކޮށް އެއްވެސް އެންގުމަކާ ނުލައި އެ އިބާރާތް ވަނީ އުނިކޮށްފައެވެ.
2024 ވަނަ އަހަރު ރައްޔިތުން ނުކުމެ ހަސީނާގެ ސަރުކާރު ވައްޓާލައި، ވަގުތީ ސަރުކާރަކާ ހަވާލުކުރުމުން، އިޒްރޭލާ އެކު އެއްވެސް ސިޔާސީ ގުޅުމެއް ނޯންނަ ބަންގްލަދޭޝްގެ ރައްޔިތުންގެ ޕްރެޝަރާ ހެދި އެ އިބާރާތް އަލުން ހިމަނާނެ ކަމަށް އޭރު އިއުލާން ކުރިއެވެ.
ނަމަވެސް، މިކަމާ ގުޅޭ ރަސްމީ ނިންމުން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު މަގާމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިގް ރަހުމާންގެ އާ ސަރުކާރުންނެވެ.
“ބަންގްލަދޭޝްގެ އާ ޕާސްޕޯޓުގައި ‘މި ޕާސްޕޯޓަކީ އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމަށް ސައްހަ އެއްޗެކެވެ’ މި އިބާރާތް އަލުން ހިމެނުމަށް ބޭނުންވާ ރަސްމީ އަމުރު އާދީއްތަ ދުވަހު ވަނީ ނެރެވިފައި. އަދި އާ ޕާސްޕޯޓުތައް ޕްރިންޓްކުރުމުގެ މަސައްކަތް މި މަހު ފެށޭނެ،” ހޯމް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ޒިޔާއުއްދީން އަހުމަދު އަރަބް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރައްޔިތުންނަށް މި އާ ޕާސްޕޯޓު ލިބެން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޕާސްޕޯޓުގައި މި އިބާރާތް އަލުން ހިމެނުމަށް ގޮވާލައި ބަންގްލަދޭޝްގައި އަޑުއުފުލުންތައް އިތުރުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގާޒާގައި ހަނގުރާމަ ފެށުނު ހިސާބުންނެވެ.
“ޕާސްޕޯޓަށް ގެނެވޭ މި ބަދަލަކީ ސަރުކާރުގެ ސިޔާސީ ނިންމުމެއް. މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާ އެކު އަޅުގަނޑުމެން ތިބިކަން ހާމަވެ، ބަންގްލަދޭޝް އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުކަން މުޅި ދުނިޔެއަށް އެނގިގެންދާނެ،” ޒިޔާއުއްދީން ވިދާޅުވިއެވެ.
އަދި މިއީ ބަންގްލަދޭޝްގެ ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތަކާ އެއްގޮތަށް ނިންމި ނިންމުމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



