ބޭރުދުނިޔެ

އަލިފާނުގެ ހާދިސާ ހިނގީ އެއާކޮންޑިޝަނެއްގެ ކަރަންޓް ޝޯޓަކުން – އަލްޖީރިއާ ފުލުހުން

އަލްޖީރިއާގެ ވެރިރަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވީ އެއާކޮންޑިޝަނެއްގެ ކަރަންޓު ޝޯޓަކުން ކަމަށް އެގައުމުގެ ފުލުހުން ހުކުރު ދުވަހު ބުނެފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އަލްޖީރިއާގެ މުހައްމަދިއްޔާ ސަރަހައްދުގައި ހުންނަ އެ މަރުކަޒުގައެވެ.

މަރުވި މީހުންގެ ތެރޭގައި އުމުރުން 52 އަހަރުގެ ކެއާގިވަރަކު (ބަލަހައްޓާ މީހަކު) ހިމެނޭ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދެއް އަދިވެސް ސާފެއް ނުވެއެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހާދިސާގައި “ގިނަ އަދަދެއްގެ ކުޑަކުދިން” މަރުވެފައިވާ ކަމަށެވެ. ނަމަވެސް، ކަމާބެހޭ އިދާރާތަކުން މަރުވި މީހުންގެ އުމުރެއް ހާމަކޮށްފައެއް ނުވެއެވެ.

އަލްޖީރިއާގެ ސިވިލް ޑިފެންސްއިން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އިތުރު 19 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ފޮރެންސިކް މާހިރުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، އަލިފާން ރޯވީ އެގައުމަށް ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރާ ގުޅިގެން މެދުނުކެނޑި ޖައްސާފައި ހުރި އެއާކޮންޑިޝަނެއް ހޫނުވެ، އޭގެއިން ކަރަންޓު ކަނިޖެހުމުގެ ސަބަބުންނެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ގާތްގަނޑަކަށް އެއްހާސް އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަލިފާންގަނޑުތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިވިލް ޑިފެންސްއިން ބުނެއެވެ. މީގެ އިތުރުން، އުތުރުގެ ސެޓިފް ޕްރޮވިންސްގައި ރޯވި އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތުގައި އުޅުނު މުނިސިޕަލްޓީ މުވައްޒަފަކު ވެސް މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް އަލްޖީރިއާގެ އުތުރުގެ ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ އާންމު ކަމެކެވެ. މިކަން އިތުރަށް ގޯސްވަނީ ވާރޭ ނުވެހި ހަނަފަސްވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. ފާއިތުވި އަހަރުތަކުގައި މިފަދަ އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ހެކްޓަރެއްގެ ޖަންގަލިތަކާއި ދަނޑުބިންތަކުގެ އިތުރުން ގިނަ އަދަދެއްގެ ގެދޮރު ވަނީ އަނދާ ހުލިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close