ޚަބަރު

ރަށްރަށުގެ ބައު އެމްބިއުލާންސްތައް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން އިތުރު 17 ރަށަކަށް އައު އުޅަނދުތައް ހަވާލުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ހުރި ބޭނުންނުކުރެވޭ ވަރުގެ ބައު އެމްބިއުލާންސްތަކުގެ ބަދަލުގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އައު އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ފަހު ބެޗުގެ އުޅަނދުތައް ރޭ 17 ރަށަކާ ހަވާލުކޮށްފިއެވެ.

ސަރުކާރުގެ މި އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލޭޓްރީ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

މި މަޝްރޫއަކީ އަތޮޅުތެރޭގެ 31 ރަށަކަށް އައު އެމްބިއުލާންސް ހޯދުމަށްޓަކައި 36.2 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މީގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 14 އެމްބިއުލާންސް މިދިޔަ މާޗު މަހުގެ 9 ވަނަ ދުވަހު ވަނީ ރަށްތަކާ ހަވާލުކޮށްފައެވެ.

ރޭ ހަވާލުކުރި އުޅަނދުތަކާއެކު މި ސަރުކާރުން މިހާތަނަށް ޖުމްލަ 87 އައު އެމްބިއުލާންސް ގެނެސް، ރަށްތަކަށް ވަނީ ފޯރުކޮށްދީފައެވެ. މި ފަހަރު އައު އެމްބިއުލާންސް ލިބުނު ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫ، ށ. ފޮއްދޫ، ނ. ހެނބަދޫ، ބ. ދަރަވަންދޫ، ބ. ފުޅަދޫ، ބ. ދޮންފަނު، ޅ. އޮޅުވެލިފުށި، ވ. ފުލިދޫ، ވ. ކެޔޮދޫ، މ. ވޭވަށު، އއ. ބޮޑުފޮޅަދޫ، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. ދަނގެތި، ލ. ފޮނަދޫ، ގއ. ކޮނޑޭ އަދި ގދ. ވާދޫ ހިމެނެއެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަޙައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި މިހާރު ހިދުމަތް މެދުކެނޑިފައިވާ އިތުރު ހަތަރު ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވެސް މިއަހަރުގެ ތެރޭގައި ގެނެސް ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close