ބޭރުދުނިޔެ

އެމެރިކާ އާއި އީރާނުން އަލުން މަޝްވަރާތައް ފެށުމަށް ޗައިނާ އާއި ޕާކިސްތާނުން ގޮވާލައިފި

އެމެރިކާ އާއި އީރާނުން މިހާރު ކުރިއަށްދާ ހަމަލާތައް ހުއްޓާލައި، އަލުން މަޝްވަރާގެ މޭޒަށް ދިއުމަށް ޗައިނާ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ގޮވާލައްވައިފިއެވެ. މިކަމަށް ގޮވާލައްވާފައިވަނީ ޗައިނާގެ ޝަންހާއީގައި ދެ ގައުމުގެ އިސްވެރިން ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝާގް ދާރު ގުޅިގެން ނެރުއްވި މި ބަޔާނުގައި، މަސްރަހު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލައި ސުލްހަވެރި ހައްލެއް ހޯދުމަށް ބާރުއަޅުއްވާފައިވެއެވެ.

މެދުއިރުމަތީގައި ދިގުލައިގެން ގޮސްފައިވާ މި ހަމަނުޖެހުންތައް ހައްލުކުރުމަށް ޗައިނާ އާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާތާ މަސްތަކެއް ވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ފުރަތަމަ މަރުހަލާގެ އެއްބަސްވުމެއްގައި ސޮއިކުރިތާ މަހެއްހާ ދުވަސް ފަހުން ހޯމްޒް ކަނޑުއޮޅީގައި އަނެއްކާވެސް ވަނީ ހަމަލާތައް ވަރުގަދަވެފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާންގް ޔީ ވިދާޅުވީ، އެއީ ވަރަށް ގިނަ ބުރަ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށެވެ. “ސުލްހަ އޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި، އެންމެ ފަހު މަރުހަލާގައި މި ފުރުސަތު ނަގާލައި، މިހާތަނަށް ހޯދި ކުރިއެރުންތައް ގެއްލުވާލައިގެން ނުވާނެ،” އޭނާ އިތުރަށް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާ އާއި އީރާނުން އަނެއްކާވެސް ވަނީ އެކަކު އަނެކަކަށް ހަމަލާ ބަދަލުކޮށްފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި، އެއާޕޯޓެއްގެ އިތުރުން ރޭލު ސްޓޭޝަނަކަށާއި ދެ ފާލަމަކަށް ހަމަލާދީފައެވެ.

މި ހަމަލާތަކުގެ ރައްދުގައި، ކުވެއިތުގައި ތިބި އެމެރިކާގެ އަސްކަރީ ބައިވެރިންނަށާއި އެކި ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުން ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހު ވީ އެއްބަސްވުމަށްފަހު ހޯމްޒް ކަނޑުއޮޅި ކުޑަ ދުވަސްކޮޅަކަށް ހުޅުވާލި ނަމަވެސް، އެމެރިކާގެ އުދުވާނީ އަމަލުތައް ހުއްޓާލަންދެން އެ ސަރަހައްދު އަލުން ބަންދުކުރާނެ ކަމަށް އީރާނުން މިދިޔަ ހަފުތާގައި ވަނީ އިއުލާނުކޮށްފައެވެ. މީގެ އިތުރުން، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް އަނެއްކާވެސް ހުރަސްތައް ކުރިމަތިކުރުވައި ބްލޮކޭޑެއް އިއުލާނުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close