ޚަބަރު

ހުޅުމާލޭގެ މުނިސިޕަލް މައްސަލަތަކަށް ޙައްލު ހޯދަން ދިޔުމުން އެޗްޑީސީން ސިޓީ ކައުންސިލަށް ފުރުޞަތެއް ނުދިން

ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ މުނިސިޕަލް އެކި މައްސަލަތަކަށް ޙައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އެދުމުންވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކަމަށް އެއްބާރުލުން ނުދީ ބައްދަލުވުމުގެ ފުރުޞަތު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުޅުމާލޭގެ ރައްޔިތުންގެ ޙައްޤުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް މިއަދު އެ ކުންފުނީގެ އޮފީހަށް ވަޑައިގަތުމުންވެސް އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

ސިޓީ ކައުންސިލުން މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި، އެފްޑީސީގެ ފްލެޓްތަކުގެ އިތުރުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާންމުންގެ ފަރާތުން އަސާސީ މުނިސިޕަލް ޚިދުމަތްތައް އެދެވޭ ގޮތެއްގައި ނުލިބޭ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީއެވެ. މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހެޅުއްވި ބޮޑު ކަންބޮޑުވުމެެއްކަމަށް މޭޔަރު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މިއަދު ބައްދަލުވުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދެވެންދެން ތަކުރާރުކޮށް އެޗްޑީސީއަށް ވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރުން، ކައުންސިލަރު ޒަހިއްޔާވެސް ވަނީ އެޗްޑީސީން މިކަމުގައި އިހުމާލުވަމުންދާނަމަ، ދެން އެ ކުންފުންޏަށް ވަޑައިގަންނަވާނީ މި ދަތިތައް ތަޙައްމަލްކުރަމުންދާ ހުޅުމާލޭގެ ރައްޔިތުންނާވެސް އެކުގައި ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close