ޚަބަރުކުޅިވަރު

ފްރާންސްގެ ހުވަފެންތައް ފުނޑުފުނޑުކޮށް، ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!

ފްރާންސްގެ ވަރުގަދަ ކުޅުން ހިފަހައްޓައި، އެ ގައުމުގެ ހުވަފެންތައް ފުނޑުފުނާކޮށްލުމަށް ފަހު ސްޕެއިނުން 16 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ ޑަލަސްގައި ކުޅުނު މި ފޯރިގަދަ ސެމީ ފައިނަލް މެޗު ސްޕެއިނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ސްޕެއިންގެ ތާރީހުގައި ވޯލްޑް ކަޕް ފައިނަލަށް އެ ގައުމު ދަތުރުކުރި ދެވަނަ ފަހަރެވެ. މި ފަހަރުގެ ފައިނަލްގައި އެ ޓީމު ވާދަކުރަން ޖެހޭނީ ދެން އޮތް ސެމީ ފައިނަލްގައި ބައްދަލުކުރާ އިންގްލެންޑް ނުވަތަ އާޖެންޓީނާއާ އެވެ.

ސްޕެއިން އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރު ނެދަލެންޑްސް ބަލިކޮށް ތަށި އުފުލާލި މުބާރާތުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 16 އަހަރުގެ ތެރޭގައި އެ ގައުމަށް ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރެއްގައި މޮޅެއް ހޯދިފައި ނުވާއިރު، 2014 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އަދި 2018 އަދި 2022 ވަނަ އަހަރުގެ މުބާރާތުން އެ ގައުމު ކެޓީ ފުރަތަމަ ނޮކައުޓް މެޗުން ޕެނަލްޓީ ޖަހައިގެންނެވެ.

މި މޮޅާއެކު ސްޕެއިނުން ވަނީ ޖެހިޖެހިގެން ތިން ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ފްރާންސް ކަޓުވާލުމުގެ ތާރީހީ ރެކޯޑެއް ވެސް ހަދާފައެވެ. މީގެ ކުރިން ބޭއްވި ޔުއެފާ ނޭޝަންސް ލީގާއި ޔޫރޯގެ ސެމީ ފައިނަލުން ވެސް ފްރާންސް މުބާރާތުން ވަކިވާން ޖެހުނީ ސްޕެއިން އަތުން ބަލިވެގެންނެވެ.

މި މެޗުގައި ސްޕެއިނުން ލީޑު ނެގީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ފްރާންސްގެ އޭރިއާ ތެރެއިން ލޫކަސް ޑީންޏާ، ސްޕެއިންގެ ލަމީން ޔަމާލަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ސްޕެއިންގެ ދިފާއީ ބާރު ވަރުގަދަކޮށް ފެނުނު މި މެޗުގެ ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނީ އޮލްމޯ ދިން ބޯޅައަކުން ޕެޑްރޯ ޕޯރޯ އެވެ. މީގެ އިތުރުން ޔަމާލް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ވީއޭއާރުން ވަނީ ނިންމާފައެވެ.

މި މެޗުން ފްރާންސް ބަލިވުމާއެކު، މިއީ އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެ ގައުމުގެ ގައުމީ ޓީމަށް އިރުޝާދުދިން ފަހު މެޗެވެ. އޭނާ ވަނީ މި މުބާރާތަށް ފަހު މަގާމުން ވަކިވާން ކުރިންވެސް ނިންމާފައެވެ. ފްރާންސަށް ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ހޯދައިދިން ޑެޝޯމްޕްސްގެ ބަދަލުގައި ދެން އެ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ 1998 ވަނަ އަހަރު އޭނާގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޒިނެދިން ޒިދާން އެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close