ރައީސްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، ގުނަވަން ބަދަލުކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްފަހު، އެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު އަލުން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ޖަލްސާގައި މި ބިލު އަލުން ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލަކީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށްޓަކައި އެ މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހަށް ފޮނުވި ބިލެކެވެ. ނަމަވެސް، މަޖިލީހުން ބިލަށް ގެނައި ބަދަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ބިލު މުރާޖައާ ކުރެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައެވެ.
މަޖިލީހުގެ ކޮމިޓީން ބިލު އަލުން ދިރާސާކޮށް ގެނައި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ބިލުގެ 7 ވަނަ މާއްދާގެ (ށ) އިން ކުރިން އުނިކޮށްފައިވާ ބައިތަކެއް އަލުން ހިމެނުން ހިމެނެއެވެ. އެ ބައިގައި ބަޔާންކޮށްފައިވަނީ ގުނަވަން ހަދިޔާކުރާ މީހާއަށް ގުނަވަން ހަދިޔާ ކުރެވޭނެ ފަރާތްތަކުގެ ތަފްސީލުތަކެވެ. މީގެ އިތުރުން ބިލުގެ 66 ވަނަ މާއްދާ އާއި 76 ވަނަ މާއްދާއަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
މިގޮތުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދޭ އަދަބުތައް ލުއިކުރުމެވެ. ކުރިން އޮތް ބިލުގައި 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 18 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައި އޮތް ނަމަވެސް، އަލުން ފާސްކުރި ބިލުގައި ޖޫރިމަނާގެ އަދަދު ވަނީ 150,000 އާއި 250,000 ރުފިޔާއާ ދެމެދަށް ކުޑަކޮށްފައެވެ. އަދި ޖަލު އަދަބު ވެސް ވަނީ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ކުރުކޮށްފައެވެ.
ރާއްޖޭގައި ރައްކާތެރިކަމާއެކު އިންސާނުންގެ ގުނަވަންތައް ބަދަލުކުރެވޭނެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރާ މި ބިލުގެ ދަށުން ގުނަވަން ހަދިޔާކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި ބާލިޣުވެފައިވާ ދިވެހިންނަށް، އެމީހުންގެ އަމިއްލަ އިހުތިޔާރުގައެވެ. ނަމަވެސް ގައިދީންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ގުނަވަން ހަދިޔާކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
މި ނިޒާމު ހަރުދަނާކޮށް ހިންގުމަށްޓަކައި “ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް” އެއްގެ އިތުރުން “އޮތޮރައިޒޭޝަން ކޮމިޓީ” އެއް އުފެއްދުމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. މި ކައުންސިލުން މިންގަނޑުތައް ކަނޑައަޅައި ހިދުމަތްދޭ ތަންތަން ބަލަމުންދާއިރު، އޮތޮރައިޒޭޝަން ކޮމިޓީން ކޮންމެ ހުށަހަޅުމަކަށް ވަކިން ހުއްދަ ދޫކުރާނެއެވެ. އަދި ޓްރާންސްޕްލާންޓް ކުރުމުގެ ކުރިން ހޮސްޕިޓަލްތަކުގެ އެތިކްސް ކޮމިޓީތަކުން ހުރިހާ ސިއްހީ އަދި ގާނޫނީ ކަމެއް ކަށަވަރު ކުރަން ޖެހެއެވެ.
މި ގާނޫނުގެ ދަށުން އިންސާނުންގެ ގުނަވަން ގަތުމާއި ވިއްކުމުގެ އިތުރުން، އެމީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ހުއްދަ ނެތި މިފަދަ ހިދުމަތް ދިނުމާއި، އޮޅުވާލައިގެން މައުލޫމާތު ދޭ ފަރާތްތަކަށް ވެސް ހަރުކަށި އަދަބު ދިނުމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

