ޚަބަރު

ތިލަފުށިން ގަވާއިދާ ހިލާފަށް އުޅުނު 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ކޭއީއެފް ތިލަފުށީގައި ހިންގި ބޮޑު ރެއިޑެއްގައި 32 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ ކުރިއަށްގެންދިޔަ މި ހާއްސަ ރެއިޑް އޮޕަރޭޝަނުގައި ތިލަފުށީގައި މަސައްކަތްކުރަމުންދިޔަ 836 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މި ހާއްސަ މަސައްކަތްތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއަށްވެސް މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓްތަކާއި، ދަނޑުވެރިކަން ކުރާ ސަރަހައްދުތަކުގެ އިތުރުން އަމިއްލަ މަސައްކަތްތަކުގައި އުޅޭ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯ ބެލުމަށް ހާއްސަ ފާސްކުރުންތަކެއް އަންނަނީ ހިންގަމުންނެވެ.

މި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަކުރެވޭ ފަރާތްތަކަށް، ގަވާއިދުގެ ތެރެއަށް ވަނުމަށް ވަކި މުހުލަތެއް ދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ މުހުލަތުގެ ތެރޭގައި ކަންކަން އިސްލާހުނުކުރާ ފަރާތްތައް ރާއްޖެއިން ޑީޕޯޓުކޮށްލުމުގެ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close