ޒަކާތު ފަންޑުގެ އެހީގައި ފަރުވާއަށް ފުރާ ފުރަތަމަ ގްރޫޕް އިންޑިއާއަށް ފުރަނީ

ދިގު މުއްދަތަކަށް ފަރުވާ ހޯދަމުންދާ ތެލެސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ ތަނަވަސްކަން ނެތް ހަ ކުއްޖަކު، ޒަކާތު ފަންޑުގެ ފުރިހަމަ އެހީތެރިކަމާއެކު މި ޚާއްޞަ ފަރުވާ ހޯދުމަށް މިއަދު އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
މިއީ ތެލެސީމިއާ ބަލީގެ ވޭނުގައި އުޅެމުންދާ ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން، މި އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވާ ފުރަތަމަ ބުރުގެ ކުދިންނެވެ. އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ނިމުނުހާ އަވަހަކަށް، މި ފަރުވާއަށް ޝަރުތުހަމަވާ އިތުރު ހަތަރު ކުއްޖަކު ވެސް ރާއްޖެއިން ބޭރަށް ފުރުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް ޝެއިހް އިމްތިތާއު އައްބާހުގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި ކުދިންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ބޯންމެރޯ ހެދުމަށް ފުރާ ކުދިންނަށް ހިތްވަރުދީ، ފަރުވާގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށްދާނެ މަގު ފަހިކޮށްދީފައިވާނެ ކަމުގެ ޔަގީންކަން ކަމާބެހޭ މުއައްސަސާތަކުން ވަނީ ދީފައެވެ.
ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިދިޔަ މަހުގެ ތެރޭގައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) އަށް ޖަމާކޮށްފައެވެ. މި އެހީތެރިކަމަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދެވޭ އެހީއެކެވެ. ނަމަވެސް، މީގެ ކުރިން ވެސް 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުގެ އެހީގައި ގިނަ އަދަދެއްގެ ކުދިންނަށް މި ފަރުވާ ހޯދައިދީފައިވާކަން ފާހަގަކުރެވެއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ ތެލެސީމިއާ ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ޝިފާއެވެ. މި ފަރުވާގެ ސަބަބުން ބަލިމީހާގެ ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެދުމަށް މަގުފަހިވެ، ގަވާއިދުން ލޭއެޅުން ހުއްޓާލުމަށް ބޮޑު ބާރަކަށްވެއެވެ. މީގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ ސިއްހީ އުނދަގޫތަކުން ސަލާމަތްވެގެންދެއެވެ.
މި އަހަރުގެ ތެރޭގައި އެޗްއެލްއޭ ޑޯނަ މެޗިން މަރުހަލާ ފުރިހަމަކޮށް، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ހުއްދަ ޖުމުލަ 10 ކުއްޖަކަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ޚާއްޞަ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ބާރުދުވެލީގައި ކުރެވެމުންނެވެ.

