ސްކޫލަށްފަހު ގިނަ ވަގުތު ޓިއުޝަނުގައި ހޭދަކުރުމުން ކުދިންގެ ދުޅަހެޔޮކަމަށް ބުރޫއަރާ: މިނިސްޓަރު ޝަފީއު

ސްކޫލް ނިންމުމަށްފަހު އިތުރު ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ދަރިވަރުން ޓިއުޝަނުގައި ހޭދަކުރަމުންދާ ދިއުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، އެ ސަގާފަތާ މެދު ފުންކޮށް ވިސްނަން ޖެހިއްޖެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދަރިވަރުން އަމިއްލަ އުނގެނުމަށް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އަދި އަމިއްލައަށް އިސްނަގައިގެން ކަންކަން ހޯދައި ބަލައިގެން ކިޔަވާ ކުދިންގެ ސިކުނޑީގައި އިލްމު ހަރުލާ މިންވަރު 75 އިންސައްތައާ ގާތްކުރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، އެހެން މީހުންނަށް ބަރޯސާވެގެން “ސްޕޫންފީޑް” ކުރަން ފަށައިފިނަމަ، ކުދިންގެ ސިކުނޑީގައި މާއްދާތަކާ ގުޅޭ އިލްމު އަށަގަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ ބެލެނިވެރިންނާއި ދަރިވަރުންވެސް ހޭލުންތެރިވެ، ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.
މަދަރުސާއިން ބޭރުން އެހީތެރިކަން ބޭނުންވީ ނަމަވެސް، އެ އެހީތެރިކަން ދޭންވާނީ ކުލާހުގައި ކިޔަވައިދޭ ފިލާވަޅުތަކަށް ދޭ ސަމާލުކަން ނުގެއްލޭނެ ގޮތެއްގެ މަތިން ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ޓިއުޝަނަށް މާ ގިނަ ވަގުތު ހޭދަކުރުމުން ކުޅިވަރާއި ހިތްއުފާވާ ކަންކަމަށް ވަގުތު ހުސްކުރުމަށް ހުރަސްއެޅޭތީ، އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މުދައްރިސުންނަށް އިލްތިމާސްކުރައްވަމުން ވަޒީރު ވިދާޅުވީ، ކުލާސްރޫމުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ މިންވަރަށް އުނގަންނައިދިނުން ބައްޓަންކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އުނގަންނައިދިނުމުގެ ނިޒާމު ބަލިކަށިވެ، ޓިއުޝަން ސަގާފަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވެ، ސްކޫލްތަކާއި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.


