ޚަބަރު

ވ. ފެލިދޫ ކައިރިއަށް “ޖަޒީރާ” ބޯޓު އަޑިއަށް ގޮސްފި، ހުރިހާ އެންމެން ސަލާމަތްކޮށްފި

    މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުން ދިޔަ “ޖަޒީރާ” ބޯޓު، ވ. ފެލިދޫ ބޭރުން ކަނޑުގެ އަޑިއަށް ދިޔަ ނަމަވެސް، އޭގެއިން ދަތުރުކުރި ހުރިހާ ދިވެހިންނާއި ބިދޭސީން ކަނޑުމަތިން ސަލާމަތްކޮށްފިއެވެ.

    ފުލުހުން ބުނީ، ޖަޒީރާ ބޯޓު އަޑިއަށް ދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 15:26 އެހާކަންހާއިރު ކަމަށެވެ.

    މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބީ ޖުމްލަ ހަތް މީހުން ކަމަށްވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެހި ތިން ފިރިހެނުންނާއި ބިދޭސީ ހަތަރު ފިރިހެނުންނެވެ. ބޯޓު އަޑިއަށް ދާން ފެށުމާއެކު އެ ސަރަހައްދުން ދަތުރުކުރި “ވިލާ ދުވެލި” ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު ހުރިހާ އެންމެން ވަނީ ކަނޑުމަތިން ސަލާމަތްކޮށް، ވ. ފުލިދުއަށް ގެންގޮސްފައެވެ. ސަލާމަތްކުރެވުނު ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

    އެމްއެންޑީއެފް ކޯސްޓްގާޑުން ބުނި ގޮތުގައި ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި ބައެއް ސާމާނުތައް ވަނީ ކަނޑަށް ދޫވެ، އޮޔާދާން ފަށާފައެވެ. މި ތަކެތި އޮޔާދަނީ ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށް ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން، ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

    ޚިޔާލު ފާޅުކުރައްވާ

    Your email address will not be published. Required fields are marked *

    މިވެސް ބަލާ
    Close