ޚަބަރު

ރާއްޖޭގެ ދަތުގެ ފަރުވާގެ ރަންޔޫބިލްއާ ދިމާކޮށް، ފަންސާސް އަހަރުގެ ތާރީޚީ ދަތުރު ސިފަކޮށްދޭ ފޮތެއް ނެރެފި

ދިވެހިރާއްޖޭގައި ސަރުކާރުގެ ފަރާތުން ދަތުގެ ފަރުވާ ދޭން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ޚިދުމަތުގެ ދިގު ތާރީޚު ސިފަކޮށްދޭ ޚާއްޞަ ފޮތެއް ރޭ ނެރެފިއެވެ.

“އިހުން މިއަދާއި ހަމައަށް” ނަމުގައި ތައްޔާރުކުރި މި ފޮތް ނެރެދެއްވީ ދަތުގެ ޚިދުމަތުގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

ސީނިއަރ ޑެންޓަލް އޮފިސަރ ހައުލަތު މުޙައްމަދާއި ޑެންޓަލް އޮފިސަރ އީމާން މުޙައްމަދު އެކުލަވާލެއްވި މި ފޮތުގެ މައިގަނޑު ބޭނުމަކީ، ފާއިތުވި ފަންސާސް އަހަރުގެ ތެރޭގައި ރާއްޖޭގެ ދަތުގެ ފަރުވާގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ ތަޖުރިބާތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. މި ދާއިރާގެ ކުރިއެރުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި އަލްފާޟިލް ޢަލީ ސަލީމުގެ ހަނދާނުގައި މި ރަސްމިއްޔާތުގައި ހިމޭންކަމުގެ ސުކޫތެއް ގެނައިއިރު، ދާއިރާގެ އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ 9 ބޭފުޅަކަށް ވަނީ އަގުވަޒަންކުރުމުގެ އެވޯޑު އަރުވާފައެވެ.

ރާއްޖޭގައި ސަރުކާރުގެ ބެލުމުގެ ދަށުން “ޑެންޓަލް ސާރޖަރީ” ގެ ނަމުގައި ރަސްމީކޮށް މި ޚިދުމަތް ފަށާފައިވަނީ 8 ޖުލައި 1975 ގައެވެ. އެއީ މުޙައްމަދު ސަލީމާއި، ޢަލީ ސަލީމް އަދި ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމާއެކު ސަރުކާރު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ޑެންޓަލް ޔުނިޓެއް ހުޅުވުނު ތާރީޚެވެ. ނަމަވެސް އޭގެ ކުރިން، 1967 ވަނަ އަހަރުން ފެށިގެން ސިލޯނުން ތަމްރީނު ހޯއްދަވައިގެން ވަޑައިގެންނެވި ދިވެހި ތިން ބޭފުޅަކު ދިޔައީ ރާއްޖޭގައި ދަތްޖަހައިދިނުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޒަމާނީ ފަރުވާތައް ރާއްޖެއަށް ތަޢާރަފްވާން ފެށީ ޖަޕާނު ސަރުކާރުގެ އެހީގައި ވީއެސްއޯ މެދުވެރިކޮށް ބޭރުގެ މާހިރުންގެ ޚިދުމަތް ލިބެން ފެށުމުންނެވެ. އޭގެ ފަހުން 1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވުމާއެކު ދަތުގެ ކްލިނިކް އެ ހޮސްޕިޓަލަށް ބަދަލުވެ، އިންޑިއާގެ ޑަކްޓަރުންގެ އެހީތެރިކަމާއެކު މޫނުމަތީގެ އައިބު ފިލުވުމުގެ ބޮޑެތި އޮޕަރޭޝަންތައްވެސް ރާއްޖޭގައި ކުރަން ފެށުނެވެ. ފަންސާސް އަހަރުގެ މި ދިގު ދަތުރަށްފަހު، ސަރުކާރުގެ މިހާރުގެ އަމާޒަކީ މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ޑެންޓަލް އެސިސްޓެންޓުން ތަމްރީނުކުރުމުގެ ކޯހެއް ފެށުމުގެ ތައްޔާރީތައްވެސް ދަނީ ވަމުންނެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close