
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ އެންމެ ފޯރިގަދަ މެޗުގައި މިރޭ އަވަށްޓެރި ޕޯޗުގަލް އާއި ސްޕެއިން އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ބައްދަލުކުރާނެއެވެ.
މުޅި ދުނިޔޭގެ ސަމާލުކަން މި މެޗަށް ހުއްޓިފައިވަނީ ފުޓްބޯޅައިގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްޕެއިންގެ އުންމީދީ ޒުވާން ތަރި ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް މި މެޗު ވެގެންދާތީއެވެ. މިރޭ ރާއްޖޭގަޑިން މެންދަމު 00:00 ގައި ކުޅޭ މި މެޗަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ވާދަވެރިކަމުގެ ސަބަބުން “އިބޭރިއަން ޑާބީ” ގެ ގޮތުގައި ފާހަގަކުރެވޭ މެޗެކެވެ.
އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިއީ އޭނާގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕަށް ވުން ވަރަށް ގާތެވެ. ރޮނާލްޑޯ ބުނެފައިވާ ގޮތުގައި މި މުބާރާތަށްފަހު އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރާނެތީ، މި މެޗުން ބަލިވެއްޖެނަމަ އެއީ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ކެރިއަރުގެ ނިމުމަށް ވެގެންދާނެއެވެ. އޭނާގެ ހަމައެކަނި އަޒުމަކީ ކެރިއަރު ނިންމާލުމުގެ ކުރިން ވޯލްޑް ކަޕް ތަށި އުފުލާލުމެވެ.
އަނެއްކޮޅުން، ސްޕެއިންގެ އުމުރުން 18 އަހަރުގެ ލަމީން ޔަމާލް ހުރީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. އަނިޔާއިން ސަލާމަތްވެ، އެންމެ ފަހުން އޮސްޓްރިއާ އަތުން ސްޕެއިން މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔަމާލް ބުނީ ސްޕެއިން އެއްވެސް ޓީމަކަށް ބިރު ނުގަންނަ ކަމަށާއި، ހަގީގީ ވޯލްޑް ކަޕް މިހާރު ފެށުނީ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އޮޕްޓާ ސުޕަފާސްޓް ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި މި މެޗުން ސްޕެއިން މޮޅުވުމުގެ ފުރުސަތު ބޮޑެވެ. ސްޕެއިން މިހާރު އޮތީ ބަލިނުވެ 34 މެޗު ހަމަކޮށް، ވަރަށް ވަރުގަދަ ފޯމެއްގައެވެ. ނަމަވެސް، އެންމެ ފަހުން 2025 ގެ ނޭޝަންސް ލީގު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް ތަށި ހޯދީ ޕޯޗުގަލްއިންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު ސްޕެއިންގެ ނިކޯ ވިލިއަމްސް ހެމްސްޓްރިންގް އަނިޔާގެ ސަބަބުން ނުކުޅޭނެއެވެ. ޕޯޗުގަލް ޓީމުގައި އެއްވެސް އަނިޔާގެ މައްސަލައެއް ނެތްއިރު، މި މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ޔޫއެސްއޭ ނުވަތަ ބެލްޖިއަމްއާއެވެ.

