ދިވެހި ސިވިލް ސާވަންޓުންނަށް ވަޒީފާގެ މާހައުލުން ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެހެން، ކޮންމެހެން އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެންވެސް ރަސްމީ މަސައްކަތްތައް ކުރެވޭނެ އާ ގަވާއިދަކަށް އަމަލުކުރަން ސަރުކާރުން ފަށައިފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން އެކުލަވައިލި މި އާ އުސޫލުތައް މިހާރު ވަނީ ރަސްމީކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި އާ އުސޫލުގެ ދަށުން އޮފީހަށް ނުގޮސް ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބޭނީ، އެކަމަށްޓަކައި އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކާއެކު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ. އެ އެއްބަސްވުމުގައި މަސައްކަތުގެ ތަފްސީލުތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަށް މުވައްޒަފު އިގުރާރުވާން ޖެހޭނެއެވެ. ނަމަވެސް، މަސައްކަތުގެ ބާވަތުން ކޮންމެހެން އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް ހާޒިރުވާންޖެހޭ ފަންނުތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި، ނަރުހުންގެ އިތުރުން ހިންގުމުގެ އިސްފަންތީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނެއެވެ.
ގޭގައި ހުރެގެން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ރިޢާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ހުއްދަޔާއެކުގައެވެ. އަދި މިގޮތަށް ހުއްދަ ދެވޭނީ މުވައްޒަފާ ހަވާލުކޮށްފައިވާ ޒިންމާއަކީ އޮފީހުން ބޭރުގައި ހުރެގެންވެސް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ކަމުގައިވާނަމައެވެ.
މީގެ އިތުރުން، މުވައްޒަފު ގޭގައި ހުރެގެން މަސައްކަތް ކުރާއިރު، އެ އިދާރާއަކުން ރައްޔިތުންނަށް ދޭ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެކަން ކަށަވަރުކުރަން ޖެހެއެވެ. އަދި މުވައްޒަފު ކުރާ މަސައްކަތްތަކާއި ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒަރު މޮނިޓަކޮށް ބަލަހައްޓަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ މުވައްޒަފަކު، އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ކުއްލި ޙާލަތެއް މެދުވެރިވެގެން އިދާރާއިން އަންގައިފިނަމަ، އޮފީހަށް ހާޒިރުވާން ޖެހޭނެއެވެ. އަދި މުވައްޒަފަށް ހަވާލުކުރެވޭ މަސައްކަތްތައް އެދެވޭ މިންވަރަށް ނުކުރެވޭކަން ފާހަގަކުރެވިއްޖެ ނަމަ، ދީފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...