ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭގޮތަށް 30 މިނެޓު ދޭން ނިންމައިފި

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދިމާވާ ދިމާވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، ރަސްމީ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތްތަކުގައި 30 މިނެޓުގެ “ބަފާ ޓައިމް” އެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓުކޮށްފިއެވެ.
އާ އުސޫލުގެ ދަށުން، މުވައްޒަފުގެ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ ތެރޭގައި އޮފީހަށް ހާޒިރުވެއްޖެ ނަމަ، އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރެވޭނެއެވެ. ނަމަވެސް، މި ވަގުތުގެ ތެރޭގައި ހާޒިރުވާ މުވައްޒަފުން އެކަން ދިމާވި ސަބަބު އޮފީހުގެ އެޗްއާރު ސެކްޝަނަށް އަންގަން ޖެހޭނެއެވެ. ބަފާ ޓައިމްގެ ގޮތުގައި ކަނޑައަޅާފައިވާ 30 މިނެޓަށް ވުރެ ފަސްވެއްޖެ ނަމަ، އެއީ ގަޑިޖެހުނީ ކަމަށް ބަލައި އިތުރު ލުޔެއް ނުދެވޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން ބަފާ ޓައިމް ބޭނުންކުރާ މުވައްޒަފުން، އެ ހާޒިރުވި ވަގުތަށް ބަލައި އޮފީސް ނިމޭ ގަޑި އެ މިންވަރަށް ފަސްކުރަން ޖެހޭނެއެވެ. މިސާލަކަށް ހެނދުނު 8:00 ގައި އޮފީސް ހުޅުވޭއިރު، މުވައްޒަފަކު ހާޒިރުވީ 8:20 ގައި ނަމަ، މަސައްކަތުގެ ވަގުތު ހަމަކުރުމަށްޓަކައި އެ މުވައްޒަފަކު އޮފީހުން ނިކުންނަން ޖެހޭނީ މެންދުރުފަހު 2:20 ގައެވެ. މިއީ މުވައްޒަފުންގެ ހާޒިރީއަށް ލުއިދިނުމާއެކު، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.

