އާރަށު މައްސަލައިގެ “އާ ހެކި” ބަލައި ނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްތިފާގުން މިއަދު ނިންމާފައެވެ. މިއީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދައުލަތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބޭރުކޮށްލުމަށް ކުރި ހުކުމެކެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގަމުން ދަނިކޮށް ދައުލަތުން ފަހުން ހުށަހެޅި ހެކިތައް ބަލައިގަތުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން ހައިކޯޓުން ވެސް ވަނީ މި ހެކިތަކުގެ ސަބަބުން ޔާމީންގެ ދިފާއަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ.
ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ބެންޗުގެ މި ނިންމުމާއެކު، ދެން ކްރިމިނަލް ކޯޓުގައި މި މައްސަލަ އަލުން ހިނގާއިރު އެ އާ ހެކިތަކެއް ބޭނުމެއް ނުކުރެވޭނެއެވެ. މިއީ އާރަށު މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ގާނޫނީ ބޮޑު ކާމިޔާބީއެކެވެ.

