
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގެ ބުރުގައި މިރޭ ޖަޕާނާ ދެކޮޅަށް ނިކުންނައިރު، ބްރެޒިލްގެ ގައުމީ ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބްރެޒިލް ޓީމު މިވަގުތު އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ހައިޓީ އަދި ސްކޮޓްލޭންޑް އަތުން 3-0 ގެ ސާފު ނަތީޖާއަކުން މޮޅުވެ، ބްރެޒިލުން ވަނީ އެ ގްރޫޕުގެ އެއްވަނަ މަގާމު ހޯދާފައެވެ.
މި މުބާރާތުގައި ބްރެޒިލްގެ އެޓޭކިންގް ލައިން ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އިތުބާރު ފޯވާޑް ވިނީޝިއަސް ޖޫނިއަރއެވެ. އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި 4 ގޯލު ކާމިޔާބުކޮށް، ޓީމުގެ ކުރިއަށް ކުޅޭ ސަފުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްދީފައެވެ.
ޓީމަށް މިވަގުތު ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަނިޔާއިން ސަލާމަތްވެ، ތަރި ނޭމާ އެނބުރި އައުމެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅެން ނިކުމެ ނޭމާ ވަނީ ގޯލެއްވެސް ޖަހާފައެވެ. މިއީ މިރޭގެ މެޗަށް ނިކުންނައިރު ޓީމުގެ ރޫހު ވަރުގަދަކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެކެވެ.
ނަމަވެސް ބްރެޒިލް ޓީމަށް މިރޭގެ މެޗުގައި އަނިޔާގެ ބައެއް މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ބާސެލޯނާގެ ވިންގަރ ރަފީނިއާއަށް ލިބުނު ހަމްސްޓްރިންގް އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ބަދަލުގައި މިރޭ ފުރުސަތު ލިބޭނީ 19 އަހަރުގެ ޒުވާން ފޯވާޑް ރަޔާން އަށެވެ.
މިރޭގެ މެޗަކީ ބްރެޒިލަށް ބަދަލުހިފުމުގެ މެޗެއްގެ ގޮތުގައިވެސް ބެލެވިދާނެއެވެ. ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުން 3-2 އިން ޖަޕާން އަތުން ބްރެޒިލް ބަލިވެފައިވުމެވެ. އެމެރިކާގެ ހިއުސްޓަންގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗަށް ބްރެޒިލުން ނިކުންނާނީ އެ ބަލީގެ ބަދަލުހިފުމުގެ ވަރުގަދަ އަޒުމެއްގައެވެ.


