އެމެރިކާއާއި އިސްރާއީލުގެ ވެރިން ހަނގުރާމައިގެ ކުށްތަކަށް ބައިނަލްއަގުވާމީ އަދި ދާޚިލީ ކޯޓްތަކަށް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމަށް އީރާނުގެ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ގޮވާލައްވައިފިއެވެ.
އެމަނިކުފާނު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި 2025 އާއި 2026 ވަނަ އަހަރުގެ ތެރޭގައި އީރާނާ ދެކޮޅަށް ހިންގާފައިވާ އަމަލުތަކަކީ ބައިނަލްއަގުވާމީ ކުށްވެރިންނާއި އިސްތިއުމާރީ ބާރުތަކުން ހިންގި ޖަރީމާތަކެކެވެ. މީގެ ކުރިން އީރާނުގެ މީނާބް އަދި ލާމެރްދަށް ދެވުނު ހަމަލާތަކާއި، ސިއްހީ މަރުކަޒުތަކަށް ދެވުނު ހަމަލާތަކުގެ އިތުރުން ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުން ފަދަ ކަންކަމަށް އެމެރިކާ އާއި އިސްރާއީލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ގޮޅިއަށް ފައްތަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަޔާންތައް އައިސްފައިވަނީ އެމެރިކާއިން އީރާނުގެ ގިނަ ސަރަހައްދުތަކަކަށް، ޚާއްސަކޮށް ގޭޝްމް ޖަޒީރާއަށާއި ސިރީކް އަދި ބަންދަރު-އައްބާސް ސަރަހައްދުތަކަށް ޖެހިޖެހިގެން ދެވަނަ ދުވަހު ބޮން އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ބުނަމުންދަނީ މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރި ވިޔަފާރި އުޅަނދަކަށް އީރާނުން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ބަހުރައިންނާއި ކުވެއިތުގައި ތިބި އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ރައްދު ހަމަލާދީ، އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ މިއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ކުރިއަށް އޮތް 30 ދުވަހުވެސް ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ އީރާނަށް ކަމަށާއި، އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ދެގައުމުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، އީރާނުގެ ދައުލަތް ނެތިކޮށްލާ ފަދަ އަސްކަރީ ފިޔަވަޅެއް އަޅައި އެމީހުން ފެށި މަސައްކަތް ނިންމާލަން ޖެހިދާނެ ކަމުގެ ހަރުކަށި އިންޒާރެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދީފައެވެ. ނަމަވެސް ބައެއް އަސްކަރީ މުހައްލިލުން ބުނާ ގޮތުގައި ޓްރަމްޕްގެ މި ވާހަކަތަކަކީ އެމެރިކާގެ އެތެރޭގެ ސިޔާސީ ބޭނުމަށާއި މަސްރަހު ހޫނުކޮށް ބޭއްވުމަށް ދައްކާ ކޮސް ވާހަކަތަކެކެވެ.
މި ހަމަލާތަކާ ގުޅިގެން ގަލްފްގެ ގައުމުތަކުންނާއި އުރުދުން އަދި އިޓަލީ ފަދަ ގައުމުތަކުން ވަނީ ބަހުރައިންނާއި ކުވެއިތަށް އީރާނުން ދިން ހަމަލާތައް ކުށްވެރިކޮށް، ސަރަހައްދީ ހަމަޖެހުމަށްޓަކައި ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ.
އަދި ހަމަ އެއާއެކު، އިސްރާއީލާއި ލުބުނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، ހިޒްބުالله އިން އެ އެއްބަސްވުން ބާތިލު އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ އަދިވެސް ލުބުނާނާއި ޣައްޒާގެ އެކި ސަރަހައްދުތަކަށް އަސްކަރީ ހަމަލާތައް ދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...