ޚަބަރު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ބަހެއް ނެތި ގޮތެއް ނުނިންމޭނެ: ރައީސް މުއިއްޒު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ދިވެހި ރައްޔިތުން ވަނީ ސާފު ނިންމުމެއް ނިންމާފައި ކަމަށާއި، ރައްޔިތުންގެ ބަހެއް ނެތި އެ ނިޒާމަށް ބަދަލު ގެނައުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

“ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ އެއްބައިވަންތަ ޔުނިޓަރީ ދައުލަތަކަށް ވުމުން، ދިވެހިންގެ އައިޑެންޓިޓީ ދަމަހައްޓައި ގައުމު ހިންގުމަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމު ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި ކައިކައިރީގައި ބޮޑުވަޒީރު ބަދަލުވާކަން ފާހަގަކުރެވޭ ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިފަދަ ނިޒާމެއް ގެންނަން ބޭނުންވަނީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށް ތުހުމަތުކުރެއްވިއެވެ. ރިޔާސީ ނިޒާމަކީ ރައްޔިތުން ސީދާ ވޯޓަކުން ވެރިޔަކު އައްޔަންކުރާ ނިޒާމެއްކަން ފާހަގަކުރައްވައި، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އެކުލަވާލަނީ މަޖިލީހުގެ ތެރެއިން ކަމަށްވާތީ، އެއީ ރާއްޖޭގެ އެއްބައިވަންތަކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

2007 ވަނަ އަހަރު ރާއްޖޭގައި ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ ނިޒާމު އިޚްތިޔާރުކޮށްފައިވާކަން ހަނދާންކޮށްދެއްވަމުން، ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ގެއްލޭނެ ފަދަ ބަދަލަކަށް ރައްޔިތުން އެދޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިހާރު އޮތް ގާނޫނުއަސާސީގައި ރިޔާސީ ނިޒާމުގެ ސިފަތައް ގިނަކަން ފާހަގަކުރައްވައި، ރައީސް ވަނީ ނިޒާމު ބަދަލުކުރުމުގެ މަގްސަދާމެދު ސުވާލު އުފައްދަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close