މެސީ ވޯލްޑް ކަޕްގެ ތާރީޚީ ރެކޯޑް މުގުރާލައިފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި މިރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ވޯލްޑް ކަޕްގެ ތާރީޚީ ބޮޑު ރެކޯޑެއް މުގުރާލައިފިއެވެ.
އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ހުންނަ ޑަލަސް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ މި މެޗަކީ 70،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދާ މެޗެކެވެ.
މި މެޗުގައި ފެނިގެންދިޔަ އެންމެ ޚާއްޞަ ވަގުތަކީ މެޗުގެ 38 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި ގޯލެވެ. މެސީ އަމިއްލައަށް ފެށި ރީތި އެޓޭކެއްގައި، އޮސްޓްރިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުސްކޮށް ވަދެ، ފަކުންޑޯ މެދީނާ ނަގައިދިން ތިރި ކްރޮސްއެއް ވާތުން އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ.
މި ގޯލަކީ ވޯލްޑް ކަޕް ކެރިއަރުގައި މެސީ ޖެހި 17 ވަނަ ގޯލަށް ވާއިރު، މި ގޯލާއެކު އޭނާ ވަނީ ފިރިހެނުންގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. މެސީ މިވަނީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯޒާ ހަދާފައިވާ 16 ގޯލުގެ ރެކޯޑް މުގުރާލާފައެވެ. އަދި އަންހެނުންގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ މާޓާ ހަދާފައިވާ 17 ގޯލުގެ ރެކޯޑާވެސް މެސީ މިހާރު ވަނީ އެއްވަރުކޮށްފައެވެ.
މި މެޗުގެ ކުރީކޮޅު، އެއީ 9 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. އެހެންނަމަވެސް، އެ ނާކާމިޔާބީއަށްފަހު އޭނާ ވަނީ ދެވަނަ ހާފަށް ދިއުމުގެ ކުރިން މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. މިއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން މެސީ ގޯލު ޖެހި 6 ވަނަ މެޗެވެ.
މެސީގެ 39 ވަނަ އުފަންދުވަހުގެ ދެ ދުވަސް ކުރިން މި ހެދި ތާރީޚީ ރެކޯޑާއެކު، އޭނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް 4 ގޯލު ހަމަކޮށްފައެވެ. މީގެ ކުރިން މި މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށްވެސް މެސީ ވަނީ ހެޓްރިކެއް ހަދާފައެވެ.




