ވޯލްޑްކަޕް 2026: ތާރީޚުގައި މިސްރުން ފުރަތަމަ މޮޅު ހޯދައިފި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްރު (އިޖިޕްޓް) ން މެޗަކުން މޮޅުވެ، ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ކެނެޑާގެ ވެންކޫވާގައި މިއަދު ހެނދުނު ކުޅުނު މި މެޗުގައި ނިއުޒިލޭންޑާ ބައްދަލުކޮށް އިޖިޕްޓް މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މިއީ އެފްރިކާގެ ގަދަބާރު އިޖިޕްޓުން ވޯލްޑްކަޕްގައި ހޯދި ފުރަތަމަ ތިން ޕޮއިންޓެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ނިއުޒިލޭންޑުގެ ފިން ސާމަން ލަނޑެއް ޖަހައި ލީޑު ނަގާފައި ވަނިކޮށް، އިޖިޕްޓުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެގޮތުން 58 ވަނަ މިނެޓުގައި މުސްތަފާ ޒިކޯ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޒިކޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ކެޕްޓަން މުޙައްމަދު ޞަލާޙް ވަނީ އިޖިޕްޓަށް ލީޑު ނަގައިދީ، މި މުބާރާތުގައި އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.
އިޖިޕްޓުގެ ތިންވަނަ ލަނޑު މެޗުގެ ފަހުކޮޅު ޞަލާޙް ނެގި ކޯނަރަކުން ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ޓްރެޒެގޭއެވެ. މި މޮޅާއެކު އިޖިޕްޓް މިވަނީ މުބާރާތުގެ ދެވަނަ ބުރާ ގާތަށް ޖެހިލާފައެވެ. މިއީ އެފްރިކާގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދާފައިވާ އިޖިޕްޓުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.


