ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މަސްރޭހުގެ ފަޚުރުވެރި އެއްވަނަ ބ. ތުޅާދޫގެ “ދޮން އިސްމާޢީލް” ޓީމަށް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަސް ބޭނުމުގެ ބޮޑު މުބާރާތުގެ އެއްވަނަ ބ. ތުޅާދޫގެ “ދޮން އިސްމާޢީލް” ޓީމުން ހޯދައިފިއެވެ.
އިއްޔެ މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށް ކުރިއަށްގެންދިޔަ މި ފޯރިގަދަ މުބާރާތުގައި، އެއްވަނަ ހޯދި ތުޅާދޫ ޓީމުން ވަނީ ޖުމްލަ 214 ކިލޯގެ މަސް ބާނާފައެވެ. މީގެ އިތުރުން، މުޅި މުބާރާތުން އެންމެ ބަރު މަސް ބޭނުމުގެ ޝަރަފާއި 5،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ހާސިލުކުރީ މި ޓީމުންނެވެ. އެންމެ ބަރު މަސް ބާނާފައިވަނީ އެ ޓީމުގެ ކެޔޮޅު ރިޔާޒް މުޙައްމަދު ހަބީބެވެ.
މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، މުބާރާތުގެ ދެވަނަ ހާސިލުކުރީ ޏ. ފުވައްމުލަކު “މެޖިކްލީން” ޓީމެވެ. އަދި ތިންވަނަ ލިބުނީ ތ. ހިރިލަންދޫ “ކަޅަކައުންޑު” ޓީމަށެވެ. މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
ގްރޭޓަރ މާލެ ސަރަޙައްދަށް ޚާއްޞަކޮށްގެން އެޗް.ޑީ.ސީގެ އެހީތެރިކަމާއެކު ބޭއްވުނު މަސްރޭހުގެ ވަނަތަކަށް ބަލާއިރު، މި ސަރަޙައްދުން އެއްވަނަ ހޯދާފައިވަނީ “ޗިލް ބްރޯޒް” ޓީމެވެ. ދެވަނަ “އެންޒީ މޯލްޑިވްސް” ހޯދިއިރު، ތިންވަނަ ލިބުނީ “ސިލްވަރ ގްރަންޓަރ” ޓީމަށެވެ. މާލެ ސަރަޙައްދުން އެންމެ ބަރު މަސް ބޭނުމުގެ ޝަރަފު ހޯދީ އޭވިއަން ޓީމުގެ ކިޔާން އަލްވީއެވެ.

