އީރާނާއެކު ވެވޭ އެއްބަސްވުމުގެ ދަށުން 300 ބިލިއަން ޑޮލަރުގެ ފަންޑެއް އުފައްދަނީ

އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލާފައިވާ އޮނިގަނޑު އެއްބަސްވުމުގެ ދަށުން، އީރާނަށް އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި 300 ބިލިއަން ޑޮލަރުގެ އަމިއްލަ ފަންޑެއް އުފެއްދުމަށް ހިމަނާފައިވާކަމަށާއި، މި ފަންޑަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއް މިހާރުވެސް ކަށަވަރުވެފައިވާކަމަށް މި އެއްބަސްވުމުގެ މަޢުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފިއެވެ.
މި ފަންޑު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކުލަވައިލާ ފައިނަލް އެއްބަސްވުމަށް ދެ ފަރާތަށްވެސް އިޤްތިޞާދީ ގޮތުން ބާރުވެރިކަން ދިނުމެވެ. މި މަޝްރޫޢަކީ އަދި ރަސްމީކޮށް އިޢުލާންކޮށްފައިވާ ކަމަކަށް ނުވާތީ، މަސްދަރުން މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ ނަން ހާމަނުކުރުމަށް އެދިފައެވެ. އެމެރިކާއާއި އީރާނުން އަންނަ ހުކުރު ދުވަހު މި އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ފަންޑާ ބެހޭ މަޢުލޫމާތު މީގެ ކުރިންވެސް ރިޕޯޓްކޮށްފައިވީ ނަމަވެސް، މިއީ މުޅިންވެސް އަމިއްލަ ސެކްޓަރުގެ ފައިސާ ހިމެނޭ ފަންޑެއް ކަމާއި، އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ މިހާރުވެސް ކަށަވަރުވެފައިވާކަން ރޮއިޓާސްއިން މި ހާމަކުރީ އަލަށެވެ.
އެމެރިކާއާއި އިސްރާއީލުގެ ފައުޖުތަކުން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ހުއްޓާލުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ދެ ޤައުމުގެ އިސްވެރިން މިދިޔަ އާދީއްތަ ދުވަހު ވަނީ އެއްބަސްވެފައެވެ.
މި އައު ފަންޑަކީ އަމިއްލަ އިންވެސްޓްމަންޓްތަކަށް ޚާއްޞަ ކުރެވިފައިވާ ފަންޑެކެވެ. މިއީ ހަނގުރާމައިގެ ބަދަލު ދިނުމުގެ ނުވަތަ އަލުން އިޢާދަކުރުމުގެ ޕްރޮގްރާމެއް ނޫން ކަމަށާއި، މީގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ނުވަތަ ހިލޭ އެހީއެއް ނުހިމެނޭނެ ކަމަށް މަސްދަރުން ބުންޏެވެ. މި ފަންޑަށް ފައިސާ ފޯރުކޮށްދިނުމަށް އެމެރިކާ، ގަލްފު ޢަރަބި ޤައުމުތައް، އޭޝިއާ، ދެކުނު އެމެރިކާ އަދި އެފްރިކާގެ ކުންފުނިތަކުން ވަނީ އެއްބަސްވެފައެވެ.
މި އިންވެސްޓްމަންޓްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވޭނީ ހަކަތަ، ލޮޖިސްޓިކްސް، އުފެއްދުންތެރިކަން އަދި ދަތުރުފަތުރުގެ ދާއިރާއަށެވެ.
އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމެރިކާއިން 400 ބިލިއަން ޑޮލަރު ހޯދުމަށް އީރާނުން ކުރިން އެދުނެވެ. ނަމަވެސް އެމެރިކާއިން އެކަމަށް އިންކާރުކުރުމާ ގުޅިގެން، “ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަންޑު” ގެ ނަމުގައި މި ފަންޑު އުފެއްދުމުގެ ޚިޔާލު އުފެދުނީއެވެ.
ސަރަޙައްދީ ޤައުމުތަކުން އެކި ގޮތްގޮތުން މި ފަންޑަށް އެހީތެރިވާނެ ކަމަށް އީރާނުގެ މަސްދަރުން ބުންޏެވެ. އޭގެ ތެރޭގައި ލޯނު ހޯދައިދިނުމާއި، ކްރެޑިޓް ލައިންތައް ޤާއިމުކުރުމާއި، ހަނގުރާމައިގައި ގެއްލުން ލިބުނު މުބާރަކާ ސްޓީލް ކޮމްޕްލެކްސް، ރިފައިނަރީތައް، އެއާޕޯޓްތައް އަދި އުމްރާނީ ވަސީލަތްތައް މަރާމާތުކުރުމަށް ސީދާ ފައިސާގެ އެހީ ދިނުން ހިމެނެއެވެ.
އީރާނަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް އިޤްތިޞާދަށް ވީނަމަވެސް، ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި އެމެރިކާއާއި ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ބޭރުގެ އިންވެސްޓްމަންޓްތައް ލިބިފައިވަނީ ވަރަށް މަދުންނެވެ. އީރާނަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ގޭސް ރިޒާވް އަދި ހަތަރުވަނައަށް އެންމެ ބޮޑު ތެޔޮ ރިޒާވް އޮތް ޤައުމެވެ. އަދި 92 މިލިއަނަށްވުރެ ގިނަ އާބާދީއެއް އޮތް އެ ޤައުމަކީ ތަޢުލީމީ ޒުވާނުން ގިނަ، ސިނާޢީ ގޮތުން ކުރިއަރާފައިވާ އަދި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ބޮޑެތި ފުރުޞަތުތަކެއް އޮތް ޤައުމެކެވެ.
މި އިންވެސްޓްމަންޓް ފަންޑަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ބޭރުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާ ބެހޭގޮތުން ކުރެވޭ މަޝްވަރާތަކާ މުޅިން ވަކި ކަމެކެވެ. މަސްދަރުން ބުނި ގޮތުގައި މިއީ ތަފާތު މަޤްޞަދުތަކެއްގައި އަދި ތަފާތު ތާވަލުތަކެއްގެ ދަށުން ކުރިއަށްދާ ދެ ކަމެކެވެ.
މި ފަންޑު އުފައްދައި ހިންގަން ފަށާނީ ދެ ފަރާތުން ހިތްހަމަޖެހޭ ފަދަ ފައިނަލް އެއްބަސްވުމަކަށް އާދެވުމުންނެވެ. މިހާރު ސޮއިކުރާ ފަހުމުނާމާގެ މަޤްޞަދަކީ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މި މަސައްކަތްތައް ތަރުތީބުކުރާނެ ގޮތެއް ކަނޑައެޅުމެވެ. އެ 60 ދުވަހުގެ ތެރޭގައި ފަންޑުގެ އެޑްމިނިސްޓްރޭޓަރުން އީރާނުގެ ކަމާބެހޭ ފަރާތްތަކާއި އިންވެސްޓަރުންނާ ގުޅިގެން މަޝްރޫޢުތައް ރޭވުމުގެ މަސައްކަތް ކުރާނެއެވެ.
މި ފަންޑު އުފެއްދުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި އީރާނާއި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން މިކަމާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ސީ.ބީ.އެސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުން އެމެރިކާއާއެކު ވެވޭ އެއްބަސްވުމަށް ބޯލަނބައި، ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލައި، ބައިނަލްއަޤްވާމީ އިންސްޕެކްޝަންތަކަށް އެއްބަސްވެއްޖެނަމަ، ގަލްފުގެ ޤައުމުތަކުގެ އެހީތެރިކަމާއެކު އުފައްދާ 300 ބިލިއަން ޑޮލަރުގެ މި ފަންޑުގެ ބޭނުން ހިފުމުގެ ފުރުޞަތު އީރާނަށް ލިބޭނެ ކަމަށެވެ.
މި ފަންޑު ހިންގާނީ ކޮން ބައެއްކަން ނުވަތަ ހިންގާނެ ގޮތުގެ ތަފްޞީލެއް މަސްދަރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދެކުނު ކޮރެއާ، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ އަދި އެމެރިކާގެ ކުންފުނިތަކުން މި ފަންޑަށް އެހީވުމަށް އެއްބަސްވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މި 60 ދުވަހުގެ ފަހުމުނާމާއަކީ ހަމައެކަނި އޮނިގަނޑެކެވެ. މި މުއްދަތުގެ ތެރޭގައި އެމެރިކާއާއި އީރާނުގެ މަންދޫބުން ނިއުކްލިއަރ މައްސަލައާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި ސަރަޙައްދީ ސަލާމަތާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.


