މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް 2.7 ބިލިޔަން ރުފިޔާ އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %28.5 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ އާދަޔާޚިލާފު ކުރިއެރުމެއް ފެންނަނީ ބޭންކުތަކުން ނަގާ ޓެކުހުންނެވެ. ބޭންކުތަކުގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރު 490 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ %208 އިތުރުވުމެކެވެ. ދައުލަތަށް އެންމެ ގިނައިން އާމްދަނީ ވަދެފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުންނެވެ. އެ ގިންތިން 1.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ އަތުން 735 މިލިޔަން ރުފިޔާ އަދި އަމިއްލަ ފަރުދުންގެ އަތުން 214 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމަށް “މީރާ ކަނެކްޓް” ފަދަ ޑިޖިޓަލް ވަސީލަތްތައް ދަނީ ބޭނުންކުރަމުންނެވެ. 2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ދުނިޔޭގެ ކޮންމެ ތަނަކުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭއިރު، ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހެނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...