ބޭރުދުނިޔެ އިރާގުގެ ބޮޑުވަޒީރު ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ޓްރަމްޕް ދައުވަތު އަރުވައިފި

އިރާގުގެ ބޮޑުވަޒީރު ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ޓްރަމްޕް ދައުވަތު އަރުވައިފި

އިރާގުގެ ބޮޑުވަޒީރު ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް ޓްރަމްޕް ދައުވަތު އަރުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާ އާއި އިރާގާ ދެމެދު އޮތް ސިޔާސީ، ސަލާމަތީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި، އަންނަ ޖުލައި މަހުގެ މެދުތެރޭގައި ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާގުގެ ބޮޑުވަޒީރު މުހައްމަދު އަލް-ޒައިދީއަށް ދައުވަތު އަރުވައިފިއެވެ.

ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދައުވަތު ބޮޑުވަޒީރަށް އަރުވާފައިވަނީ އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބު ޓޮމް ބަރަކް ހޯމަ ދުވަހު ބޮޑުވަޒީރު އަލް-ޒައިދީއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ އެމެރިކާ އާއި އިރާގާ ދެމެދު އޮތް ވަރުގަދަ ބައިވެރިވުން ދެމެހެއްޓުމަށް އެއްބަސްވެފައެވެ. އަދި އިރާގަކީ އަމިއްލަ ބާރު ހިނގާ، ރައްކާތެރި ގައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ދައުލަތުގެ ކޮންޓްރޯލުން ބޭރުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަތުން ހަތިޔާރު އަތުލުމާއި، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ ފަދަ ކަންކަމަށް އިރާގުގެ ބިން ބޭނުންނުކުރެވޭނެކަން ކަށަވަރުކުރުން ހިމެނެއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މި ހަނގުރާމައިގެ ނޭދެވޭ އަސަރު އިރާގަށް ފޯރާފައިވަނީ، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ބަޣުދާދާއި ކުރުދިސްތާނުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުންނެވެ.

އަލް-ޒައިދީ އާއި ބަރަކް ވަނީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ފުޅާކުރުމާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ސްޓާލިންކް (Starlink) އަށް އޮޕަރޭޓިންގ ލައިސަންސް ދިނުމަށް އިރާގުން ނިންމި ނިންމުމަށާއި، ވެސްޓް ގުރްނާ-2 އަދި ނާސިރިއްޔާ ތެޔޮ ވަޅުތައް ތަރައްގީކުރުމަށް ޝެވްރޮން (Chevron) ކުންފުންޏާއެކު މަޝްވަރާ ފެށުމަށް ނިންމި ނިންމުމަށް ދެ ބޭފުޅުން މަރުހަބާ ކިޔާފައިވެއެވެ. މީގެ އިތުރުން އެމެރިކާގެ ހަކަތައާ ބެހޭ ކުންފުނިތައް ކަމަށްވާ HKN، ވެސްޓަން ޒެގްރޯސް އަދި ހަންޓްގެ މަސައްކަތްތައް އަލުން ފެށުމަށް ވަނީ ތާއީދުކޮށްފައެވެ.

މީގެ އިތުރުން، ކިރްކޫކް-ބަނިޔާސް ހޮޅިލައިން މަރާމާތުކުރުމަށާއި، ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި އެކްސެލެރޭޓް އެނާޖީ (Excelerate Energy) އިން ޚޯރު ޒުބައިރުގައި ގާއިމުކުރުމަށް ހުށަހަޅާފައިވާ އެލް.އެން.ޖީ (LNG) އިމްޕޯޓް ޓާމިނަލް މެދުވެރިކޮށް އިރާގުގެ ކަރަންޓުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ދެ ފަރާތުން ވެސް ވަނީ މިނިވަން، މުސްތަގިއްލު އަދި އެއްބައިވަންތަ އިރާގަކަށް ތާއީދުކުރާކަން ތަކުރާރުކޮށް، ގައުމުގެ ގާނޫނީ މުއައްސަސާތަކާއި، ހަމަޖެހުމާއި، އިގްތިސާދީ ތަރައްގީގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ޓެގް

އިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.