ބޭރުދުނިޔެ

ޢަބްދުއްރަޙީމް އަމީން ބުޚާރީ: ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ފަރުމާކުރުމުގައި އޭނާގެ މުހިންމު ދައުރު

އަހަރުތަކުގެ ތެރޭގައި ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ތައްޔާރުކުރުމުގައި ކުޅަދާނަ ފަންނުވެރިންގެ ބުރަ މަސައްކަތާއި ފަންނީ ހުނަރުތައް ވަނީ ބޭނުންކޮށްފައެވެ. މިގޮތުން ޢަރަބި ލިޔުންތެރިކަމާއި އިސްލާމީ ފަރުމާކުރުމުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އަވަހާރަވެފައިވާ މަޝްހޫރު ޚައްޠާޠު ޢަބްދުއްރަޙީމް އަމީން ބުޚާރީއެވެ.

މީލާދީން 1917 ވަނަ އަހަރު މައްކާއަށް އުފަންވި ބުޚާރީ ބޮޑުވެގެން އައީ އިސްލާމީ ފަންނުވެރިކަމަށް ލޯބިކުރާ މާޙައުލެއްގެ ތެރޭގައެވެ. އޭނާގެ ކިބައިގައި ހުރި ޢަރަބި ލިޔުންތެރިކަމުގެ ތަފާތު ހުނަރުވެރިކަން ވަރަށް ޅަފަތުގައި ފާހަގަވާން ފެށިއެވެ.

އޭނާގެ މި ހުނަރުވެރިކަން ތަރައްޤީވެގެން ދިޔައީ ކަޢުބަތުﷲ ގެފުޅަށް ޚިދުމަތްކުރުމުގެ ދިގު ރާސްތާއެއްގައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ގެފުޅުގެ އުރަކޮޅުގައިވާ ޢަރަބި ލިޔުންތަކާއި ޒީނަތްތެރި ކުރެހުންތައް އިތުރަށް ފުރިހަމަކޮށް، ރީތިކުރުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އުރަކޮޅުގައި ހިމެނޭ ރަންނޫލުން ވިޔެފައިވާ ލިޔުންތަކާއި، ގެފުޅުގެ ބާބުއްތައުބާ (ދޮރުކޮޅު) ގެ ފަރުދާގެ ލިޔުންތަކާއި ފަރުމާގެ އިތުރުން، ގެފުޅުގެ އެކި ދޮރުކޮޅުތަކުގައިވާ ޒީނަތްތެރި ލިޔުންތައް ހިމެނެއެވެ.

30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އޭނާ ވަނީ ޖުމްލަ 21 އުރަކޮޅެއް ތައްޔާރުކުރުމުގައި ބައިވެރިވެފައެވެ. އަދި ގެފުޅުގެ ތިން ދޮރުކޮޅެއްގެ ލިޔުންތަކާއި ޒީނަތްތެރިކުރުމުގެ މަސައްކަތް އިސްކޮށް ބަލަހައްޓަވައި، މި ފަންނުގައި އެންމެ އިޙްތިރާމް ލިބިގެންވާ އެއް ޝަޚްޞިއްޔަތަށް ވެގެންދިޔައެވެ.

އޭނާގެ މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ފައިޞަލް ރަސްގެފާނުގެ ރަސްކަމުގައި ގެފުޅުގެ އުރަކޮޅުގައި އޭނާގެ ނަންފުޅު ލިޔެވުނެވެ. އޭނާގެ ހަނދާނާއި ކޮށްދެއްވި ޚިދުމަތްތަކުގެ ރަމްޒެއްގެ ގޮތުން، މިއަދާ ހަމައަށްވެސް އެ ނަންފުޅު އުރަކޮޅުގައި ދެމިއޮވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close