ދީން ހިޖުރައިގެ މަތިވެރި ފިލާވަޅުތަކުން އާ އަހަރަކަށް އާ ބަދަލެއް: މިއަދުގެ ހުކުރު ޚުތުބާ

ހިޖުރައިގެ މަތިވެރި ފިލާވަޅުތަކުން އާ އަހަރަކަށް އާ ބަދަލެއް: މިއަދުގެ ހުކުރު ޚުތުބާ

ހިޖުރައިގެ މަތިވެރި ފިލާވަޅުތަކުން އާ އަހަރަކަށް އާ ބަދަލެއް: މިއަދުގެ ހުކުރު ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފެށިގެން މިދިޔަ ހިޖުރީ އައު އަހަރާ އެކު، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މައްކާއިން މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ޙާދިޘާއިން ޢިބުރަތް ލިބިގަނެ، ދިރިއުޅުމުގެ އާދަތައް އިސްލާހުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ރާއްޖޭގެ ހުރިހާ މުސްލިމުންނަށް ގޮވާލައްވައިފިއެވެ.

“ހިޖުރައިގެ މަތިވެރި ފިލާވަޅުތައް” މި މައުޟޫޢުގެ މައްޗަށް ބިނާކޮށް މިއަދު އިއްވި ޚުތުބާގައި ބަޔާންކުރި ގޮތުގައި، ހިޖުރައިގެ ހަގީގީ މާނައަކީ ހަމައެކަނި އުފަން ބިން ދޫކޮށް އެހެން ތަނަކަށް ދިއުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ ފުން މާނައަކީ މާތް الله ރުހިވޮޑިނުގަންނަވާ އެންމެހައި ނުބައި ކަންތައްތަކާއި އަމަލުތައް މުޅިން ދޫކޮށްލައި، ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އިސްލާމްދީނުގެ ހައްގުގައި ވީ ގުރުބާނީތަކުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ހިޖުރައިގެ ދަތުރުފުޅަކީ އުންމަތަށް ލިބުނު އަގުހުރި ދަރުސެއް ކަމަށެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އެންމެ ލޯބިފުޅުވި ވަޒަނާއި އާއިލާ ދޫކުރައްވައި ކުރެއްވި ހިތްދަތި ދަތުރުފުޅުގެ އިތުރުން، އުންމު ސަލަމާ އާއި ޞުހައިބުއްރޫމީ ފަދަ ބޭކަލުން ދީނަށްޓަކައި އެބޭކަލުންގެ މުދަލާއި އާއިލާ ގުރުބާންކުރެއްވި މަތިވެރި ނަމޫނާ މިއަދުގެ މުސްލިމުން ދިރުވަންޖެހެއެވެ.

މީގެ އިތުރުން، ކަންކަން ކާމިޔާބު ކުރުމުގައި ދުރާލާ ރޭވުންތެރިކަން ގެންގުޅުމުގެ މުހިންމުކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ. ހިޖުރައިގެ މުޅި ދަތުރުފުޅަކީ ވެސް ފުރިހަމަ ރޭވުމެއްގެ ދަށުން ހިނގާދިޔަ ކަމެއްކަން ބަޔާންކުރަމުން، އަބޫބަކުރުގެފާނު ސަވާރީ ތައްޔާރުކުރެއްވުމާއި، ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވުމާއި، އަދި އަސްމާ ބިންތި އަބޫބަކުރު ސިއްރިއްޔާތުގައި ފަރިއްކޮޅު ފޯރުކޮށްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ މީގެ ހެކިތަކެއް ކަމުގައި ބުންޏެވެ.

ދަތި އުނދަގޫ އަދި ނުތަނަވަސް ވަގުތުތަކުގައި މާތް الله އަށް ވަކީލުކުރުމާއި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޚުތުބާގައި ބާރުއެޅިއެވެ. ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ދެބޭކަލުން ތިއްބެވި ނާޒުކު ވަގުތު، “މާތް الله ވޮޑިގެންވަނީ ތިމަންމެންނާ އެކުގައޭ” ވިދާޅުވެ ރަސޫލާ ދެއްވި ސާބިތުކަމާއި ޔަޤީންކަމަކީ މިއަދުވެސް ކޮންމެ މުސްލިމަކު ހިތުގެ އަޑީގައި ބަހައްޓަންޖެހޭނެ ފިލާވަޅެކެވެ.

ޚުތުބާ ނިންމާލަމުން، ހިޖުރައިގެ ޒިކުރާ އާކުރާ މި ދަނޑިވަޅަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާ ޚިލާފަށް ކުރެވޭ ހުރިހާ ނުބައި ކަންކަމުން ދުރުހެލިވާންވީ ވަގުތުކަން ހަނދާންކޮށްދިނެވެ. އަދި الله އާއި އެކަލާނގެ ރަސޫލާގެ މަގަށް ރުޖޫޢަވެ، ފެށުނު އާ އަހަރާ ކުރިމަތިލާއިރު ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.