އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިންގިލާބުގެ ބޭނުން ފުރިހަމައަށް ހިފުމަށްޓަކައި ޒުވާނުންނަކީ ޢިލްމާއި ހުނަރުން ފުރިގެންވާ ބަޔަކަށް ހަދަންޖެހޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤުވާމީ ޒުވާނުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒުވާނުން ބިނާކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އެންމެ މުހިއްމު އިންވެސްޓްމަންޓްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މެލޭޝިޔާ ސަރުކާރުން މިފަދަ ސަމިޓެއް އިންތިޒާމުކުރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ސައުދީ އަރަބިއްޔާއިން މެދުމިންކަމާއި ސުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލާއިރު ޢިލްމުގެ އިތުރުން ރިތި އަޚްލާޤަކީ ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
31 ޤައުމަކުން 1500 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި މި ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޒުވާނުން ބާރުވެރިކުރުވުމާއި، އިޖުތިމާޢީ ބަދަހިކަން ޤާއިމުކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން ޒުވާނުން ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރާއި، ދިމާވާ ޒަމާނީ އެކި މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކަށް މި ސަމިޓްގައި ބޮޑު ސަމާލުކަމެއް ދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...