ކުޅިވަރު

ވޯލްޑް ކަޕް 2026: ސައުތު ކޮރެއާއިން ފަހަތުން އަރާ ޗެޗިއާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ‘އޭ’ ގައި ކުޅުނު ފޯރިގަދަ މެޗުން ޗެޗިއާ (ޗެކް ރިޕަބްލިކް) އަތުން ދެ ލަނޑު އެއް ލަނޑުން ސައުތު ކޮރެއާ ވަނީ މޮޅުވެފައެވެ. މެކްސިކޯގެ އެސްޓާޑިއޯ އަގްރޮން ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ސައުތު ކޮރެއާއިން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޗެޗިއާގެ ކީޕަރު މަޓެއި ކޮވަރިގެ މޮޅު ސޭވްތަކާއެކު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ އޮއިވަރާ ދެކޮޅަށް، ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޗެޗިއާގެ ކެޕްޓަން ލަޑިސްލާވް ކްރެއިޗީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުން އެ ޓީމަށް މެޗުގެ ކުރިހޯދައިދިނެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ޗެޗިއާއިން ވޯލްޑް ކަޕެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ޗެޗިއާއިން ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވެ، މެޗުގެ 67 ވަނަ މިނެޓުގައި ސައުތު ކޮރެއާގެ މިޑްފީލްޑަރު ހުވަން އިން-ބިއޮމް ވަނީ ޗެކް ޑިފެންޑަރުންނާއި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހިތްގައިމު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި ޗެޗިއާގެ ތޯމަސް ސޫޝެކް ބޮލުން ގޯލެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުގެ ސަބަބުން ރެފްރީ އެ ލަނޑު ބަލައެއް ނުގަނެއެވެ.

ސައުތު ކޮރެއާ މެޗުން މޮޅުވި ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޯ ހްޔޮން-ގްޔޫއެވެ. މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސްކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ހުވަން އިން-ބިއޮމްއެވެ. މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޗެޗިއާގެ ތޯމަސް ޗޯރީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސައުތު ކޮރެއާގެ ކީޕަރު ކިމް ސިއުންގ-ގްޔޫ ވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ‘އޭ’ ގެ ތާވަލުގެ އެއްވަނައިގައި ލަނޑުގެ ތަފާތުން މެކްސިކޯ އޮތްއިރު، ދެވަނައިގައި އޮތީ ސައުތު ކޮރެއާއެވެ. ތިންވަނައިގައި ޗެޗިއާ އޮތްއިރު، ފުލުގައި އޮތީ ސައުތު އެފްރިކާއެވެ. މި ގްރޫޕްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުތައް އޮންނާނީ ޖޫން 18 ގައެވެ. އެ ދުވަހު ސައުތު ކޮރެއާ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އަދި ޗެޗިއާ ބައްދަލުކުރާނީ ސައުތު އެފްރިކާއާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close